ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ވެރިން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. މިހާރު ދެ ޤައުމުގެ މެދުގައި ކުރެވޭ އަހަރީ ވިޔަފާރީގެ ޖުމްލަ މިންވަރަކީ ގާތްގަނޑަކަށް 13.9 މިލިއަން ޑޮލަރެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގެ އިތުރުން، އިޤްތިޞާދީ ގޮތުންނާއި ދިފާޢީ، ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ޕާކިސްތާނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު 20 ފަހުމުނާމާ ތަންފީޒުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ބޮޑުވަޒީރު ޝެހްބާޒް ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ އެކުވެރިކަމާ އަޅާބަލާއިރު، މިހާރު ހިނގަމުންދާ ވިޔަފާރީގެ މިންވަރު އެކަށީގެންވާ ވަރަށްވުރެ ކުޑައެވެ. އެހެންކަމުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަކީ މި ދަނޑިވަޅުގައި ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

"ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށާއި ސޮއިކުރެވުނު އެއްބަސްވުންތައް އަވަހަށް ތަންފީޒުކުރުމަށް އަޅުގަނޑުމެން އިސްކަންދޭނަން. ދިވެހިރާއްޖެއިން އެދޭ ކަންކަމުގައި ވެދެވެން އޮތް އެންމެ މަތީ ދަރަޖައަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނު މި އޮތީ ފުރިހަމައަށް ތައްޔާރަށް،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރެން ކައިރިވެފައިވާއިރު، ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމަކީ ޕާކިސްތާނަށް ލިބުނު ފަޚުރެއްކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި، ޞިއްޙަތާއި، އުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރިއަށްދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.