އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ސެގްމަންޓް 3 ގެ މަގުމަތީ ނިޝާންތައް ކުރެހުމާއި ކަންމަތިތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމުންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ތިންވަނަ ސެގްމަންޓަކީ ޢިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ ސަރަޙައްދެވެ. އެމްޓީސީސީއިން ވަނީ އެ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމުމަށްފަހު، މަގުމަތީގެ ނިޝާންތައް ކުރެހުމާއި ކަންމަތިތަކުގައި ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތައް ފުރިހަމަކޮށްފައެވެ.

އަމީނީ މަގު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން މީގެ ކުރިން ވަނީ ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި ދަތުރުފަތުރަށް ހުޅުވާލާފައެވެ. ސެގްމަންޓް 3 އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢު ފުރިހަމައަށް ނިމުމުން އަމީނީ މަގުގައި ހެދިފައިވާ ވަޅުގަނޑުތަކުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.