ނ. ވެލިދޫ ބަނދަރަށް ތެޔޮ އަޅަން ކައިރިކުރި ދޯންޏަކުން ލަނޑާ ކައްކާފައިވާ ފެން ފަޅުތެރެއަށް އެޅުމުގެ ސަބަބުން އެ ރަށު ފަޅުތެރެއިން ގިނަ އަދަދެއްގެ މުށި މަސް މަރުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ވެލިދޫ ބަނދަރު ތެރޭގައި ގިނަ އަދަދެއްގެ މުށި މަސްތައް މަރުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.
ވެލިދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެ މަސްތައް މަރުވީ އެ ރަށަށް ތެޔޮ އަޅަން ކައިރިކުރި ލަނޑާ ނަގާ ދޯންޏަކުން ލަނޑާ ކައްކާފައި ހުރި ފެންތައް ފަޅުތެރެއަށް އެޅުމުން ކަމަށެވެ. އަދި ދޯނީގައި ތިބި މީހުން ލަނޑާ ކައްކާފައިވާ ފެންތައް ފަޅުތެރެއަށް އެޅި މަންޒަރު އެ ރަށުގެ ބައެއް މީހުންނަށް ފެނިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަނޑާ ކައްކާފައިވާ ފެން އެޅުމުގެ ސަބަބުން މީގެ ކުރިންވެސް ބައެއް ރަށްރަށުގެ ފަޅުތެރޭގައި ހުރި މަސްތައް މަރުވެގެން މައްޗަށް އަރާފައިވާ ކަމަށް ހާފިޒާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ބޮޑަށް ލަފާކުރެވެނީ މި މައްސަލަ ދިމާވީވެސް ލަނޑާ ކައްކާފައި ހުރި ފެން އެޅުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރަކީ ވެލިދޫ ފަޅުތެރެއަށް ގިނަ އަދަދަކަށް މުށި މަސް ވަންނަ ދުވަސްކޮޅެކެވެ. އެ ރަށަކީ މިހާރު ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތައް މަދު ރަށަކަށްވުމާއެކު، އާންމުންގެ ގިނަ ބަޔަކު ކެއުމަށް ބޭނުންކުރަނީ ފަޅުތެރެއިން ބާނާ މުށި މަހެވެ.
ކަނޑުމަސް އާންމުކޮށް ލިބެނީ އެހެން ރަށެއްގެ ދޯންޏަކުން އެ ރަށަށް އައިސް މަސް ވިއްކުމުން ކަމަށްވާތީ، ގިނަ އަދަދެއްގެ މުށި މަސް މަރުވުމަކީ ރައްޔިތުންނަށް ދިމާވި ވަރަށް ދެރަ ކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.
ތެޔޮ އަޅަން އައި ދޯނީގެ މައުލޫމާތު ސީދާ އެނގިފައި ނުވިނަމަވެސް، ފުލުހުންގެ އެހީތެރިކަމާއެކު އެއީ ކޮން ރަށެއްގެ ދޯންޏެއްކަން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މިހާރު ކުރިއަށް ދަނީ މަރުވެފައިވާ މަސްތައް ފަޅުތެރެއިން ނަގައި ބަނދަރު ސާފުކުރުމުގެ މަސައްކަތެވެ. މަރުވެފައިވާ މަސްތަކުގެ ސަބަބުން ނުބައިވަސް ދުވަމުންދާތީ، ކައުންސިލުން ބޮޑު ވަޅުގަނޑެއް ކޮނެގެން މަސްތައް ނަގައި ވަޅުލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.