މިއަހަރު ފެށުނީއްސުރެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމްލަ ޢަދަދު 1.8 މިލިއަން ފަހަނައަޅައި ހިނގައްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހާމަކުރާ ގޮތުގައި، މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް 1.81 މިލިއަން ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. އެހެންނަމަވެސް، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 1.87 މިލިއަން ފަތުރުވެރިންނެވެ.
މެދުއިރުމަތީގެ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލޮޅުން އަރާފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ނިސްބަތް ވަނީ %3.1 ދަށަށް ގޮސްފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންދާއިރު، ރަސްމީ އަންދާޒާތަކުން ދައްކަނީ މި އަހަރު ނިމޭއިރު މިދިޔަ އަހަރަށްވުރެ ކުޑަ މިންވަރަކަށް ނަމަވެސް ޖުމްލަ ޢަދަދު މަތިވާނެ ކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، މި ނޮވެމްބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެއަށް އައީ 22،581 ފަތުރުވެރިންނެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ޢަދަދު ހުރީ 26،561 ގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:
ޗައިނާ: 333،864
ރަޝިއާ: 269،695
އިނގިރޭސިވިލާތް: 138،039
ޖަރުމަންވިލާތް: 122،152
އިޓަލީވިލާތް: 106،941
ތަފާސްހިސާބުތައް އިތުރަށް ބަޔާންކުރާ ގޮތުގައި، ޒިޔާރަތްކުރި މީހުންގެ ތެރެއިން 1.3 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މީގެ އިތުރުން ގެސްޓްހައުސްތަކަށް 386،969 މީހުން އަދި ހޮޓާތަކަށް 39،957 މީހުން ވަނީ ގޮސްފައެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ކުރިމަތިލާއިރު، ޚިދުމަތް ދިނުމަށްޓަކައި 180 ރިސޯޓާއި، 17 ހޮޓަލާއި، 920 ގެސްޓްހައުސްގެ އިތުރުން 164 ސަފާރީ އުޅަނދު މިވަގުތު އޮޕަރޭޓް ކުރަމުން އެބަދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.