ހުޅުމާލޭގައި އަލަށް ތަރައްގީކުރި 5 ތަރީގެ މަންހަޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް ހުޅުވުން ފާހަގަކުރުމުގެ ގޮތުން 7 ނޮވެންބަރު 2026 ގެ މިރޭ ހުޅުމާލޭގައި ހަވާ އަރުވައި ބޮނޑިބަތުގެ ފަރިއްކޮޅެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އުފާވެރި ހަރަކާތް ކުރިއަށްދާނީ މިރޭ 22:00 އިން 22:30 އަށް ހުޅުމާލޭގައި ހުންނަ މަންހަޓަން ގްރޭންޑް ހޮޓެލް ކައިރީގައެވެ. މި މުނާސަބަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްޓަކައި އާންމު ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.

މަންހަޓަން ގްރޭންޑް ހޮޓަލަކީ 162 ކޮޓަރިއާއި ބެންކުއެޓް ހޯލެއްގެ އިތުރުން މަލްޓި ޕާޕަސް ހޯލާއި ކޮންފަރެންސް ހޯލްތައް ހިމެނޭހެން ތަރައްގީކޮށްފައިވާ ތަނެކެވެ. އެ ހޮޓަލުގައި ސްވިމިންގ ޕޫލާއި ބައިނަލްއަގްވާމީ ފުޑް އެންޑް ބެވަރޭޖްގެ 4 ބްރޭންޑާއި ޖިމާއި ސްޕާގެ ޚިދުމަތްތައް ގާއިމުކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މަންހަޓަން ގްރޭންޑް ހޮޓެލްގެ ޗީފް އޮޕަރޭޝަން އޮފިސަރ ފަހިއަސް ޕަންގަތު ވިދާޅުވީ ރާއްޖޭގައި އެކި ކަހަލަ ކޮންފަރެންސްތަކާއި މައުރަޒުތައް ބޭއްވުމަށް އެ ހޮޓެލުން ފުރުސަތުތައް ދިނުމަކީ ތަސައްވަރެއް ކަމަށެވެ. އެ ހޮޓަލަކީ ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ ވިޔަފާރިތަކާއި ކޯޕަރޭޝަންތަކުގެ އިތުރުން ބައިނަލްއަގްވާމީ އިވެންޓްތައް އިންތިޒާމުކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮފެޝަނަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ބިނާކޮށްފައިވާ ތަނެކެވެ.

މި ހޮޓާ ވެގެންދާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާ ގުޅާލެވޭ ބޭނުންތެރި މުހިންމު ސިޓީ ހޮޓަލަކަށެވެ. އެގޮތުން ހޮޓެލް ހުޅުވާއިރު 12 އެއާލައިނަކާއެކު އެގްރިމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަނުގެ އަގުގެ ގޮތުގައި 11 މިލިއަން ޑޮލަރު އެޗްޑީސީއަށް ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 14.4 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބޭއިރު ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.

ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ ސީއެސްއާރުގެ ދަށުން 7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ގާއިމުކުރާ ޒުވާނުންގެ މަރުކަޒާއި މީޑިއާ ވިލެޖާއި މެޑިކަލް ކޮލެޖު އަދި ތަރިކަ ކޮލެޖުގެ ކަރަންޓާއި ފެނާއި މެއިންޓަނަންސް ޚަރަދު ދާއިމީ ގޮތެއްގައި ބަލަހައްޓައިދިނުމަށް ވަނީ ހަމަޖެހިފައެވެ.