އެމެރިކާގައި މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 5,182 އަށް އަރައިފައިވާ ކަމަށް އެ ގައުމުގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ. މިއީ ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުން މި ބަލި މިހާ ގިނައިން ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ.

ސީޑީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން 96 އިންސައްތަ މީހުންނަކީ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާ ނުވަތަ އެއްގޮތަކަށްވެސް ވެކްސިން ނުޖަހާ ތިބި މީހުންނެވެ. މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި ސްޓޭޓަކީ ޕެންސިލްވޭނިއާއެވެ. އެ ސްޓޭޓުން އެކަނިވެސް 1,487 މީހުން ބައްޔަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން 287 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާއިރު، ވިސްކޮންސިން އަދި ނިއުޔޯކް ފަދަ ސްޓޭޓްތަކުން މި ބަލީގައި މީހުން މަރުވެފައިވާކަން ވަނީ އެނގިފައެވެ.

އެ ގައުމުން ބަލިޖެހުނު މީހުންގެ ތެރެއިން ޖުމްލަ 562 މީހަކަށް (11 އިންސައްތަ) ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އުމުރުފުރާތަކަށް ބަލާއިރު، 20 އަހަރުން މަތީގެ 2,132 މީހަކަށާއި، 5 އަހަރާއި 19 އަހަރާ ދެމެދުގެ 2,104 ކުދިންގެ އިތުރުން 5 އަހަރުން ދަށުގެ 908 ކުދިން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ހިނގާ އަހަރުގެ ތެރޭގައި އެކަނިވެސް ބަލި ފެތުރުމުގެ 43 އައުޓްބްރޭކެއް ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން، 2000 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދަމަހައްޓަމުން އައި "ހިމަބިހި ނައްތާލެވިފައިވާ ގައުމެއް"ގެ ލަގަބު އެ ގައުމަށް ގެއްލިދާނެތޯ ކަނޑައެޅުމަށްޓަކައި، ޕޭން އެމެރިކަން ހެލްތު އޮގަނައިޒޭޝަން (ޕާހޯ) ގެ ހާއްސަ ކޮމިޝަނަކުން ކުރިއަށް އޮތް ހަފުތާގައި ބައްދަލުވުމެއް ބާއްވައި ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.