މާލެ ސަރަހައްދުގައި ތަރައްގީކުރި އެންމެ ޖާގަ ތަނަވަސް "މެންހަޓަން ގްރޭންޑް ހޮޓެލް" މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގައި ތަރައްގީކުރި މެންހަޓަން ގްރޭންޑް ހޮޓެލް ހުޅުވުމަށް މިރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، މި އިމާރާތް ހުޅުއްވައިދެއްވީ، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ.
ރަސްމީކޮށް ހޮޓާ ހުޅުވުމަށް ފަހު މިރޭ ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަވާ އަރުވާފައެވެ. ހަވާ އެރުވީ ހޮޓަލުން ވިޔަފާރި އުސޫލުން އަގުދައްކައިގެންނެވެ.
މި ހޮޓަލަކީ ފަސް ތަރީގެ ފެންވަރުގެ ހިދުމަތްދޭ މަތީ ފަންތީގެ ހޮޓަލެކެވެ. މި ހޮޓަލުގައި 162 ކޮޓަރިއާއި އެކި ބާވަތްތަކުގެ ކެއުންތަކަށް ހާއްސަ ހަތަރު ރެސްޓޯރެންޓުގެ އިތުރަށް ހަފުލާތަކާއި ބައްދަލުވުންތައް ބޭއްވުމަށް ހާއްސަކޮށް ހަތަރު މާލަން ހުރެއެވެ. އަދި، އިވެންޓުތައް ބާއްވާ މާލަންތަކާއި ޖިމާއި ސްޕާ އަދި ފަތާ ފެންގަނޑެއްވެސް މި ހޮޓަލުގައި ހުރެއެވެ.
މި ހޮޓަލުގެ މަސައްކަތް މީގެ 20 އަހަރު ކުރިން ފެށީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ކުރިއަށްނުގެންދެވި މަޑުޖެހިފައި އޮތުމަށްފަހު މި ސަރުކާރުން އަމިއްލަ އިންވެސްޓަރަކާ ހަވާލުކޮށްގެން ހޮޓަލުގެ މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށްގެންދިޔައެވެ.
މަސައްކަތް ކުރިއަށްގެންދިޔައީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މި ހޮޓާ ފަރުމާކޮށްފައިވަނީ ރާއްޖޭގެ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ މި ހޮޓަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިހަ ވަރަކަށް މިނިޓު ތެރޭގައި ދެވޭހާ ކައިރީ ހުންނަ ހޮޓަލެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.