އަންނަން އޮތް ޖީލުތަކާއި މުސްތަޤުބަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޫސްވެރިކަމުގައި ގެންގުޅެންޖެހޭ އަޚުލާޤީ ސުލޫކު އެންމެ މަތީ ފެންވަރެއްގައި ދަމަހައްޓަން ލާޒިމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވެއްޖެވެ. މިނިސްޓަރު މިކަން ފާހަގަކުރެއްވީ ބައިނަލްއަޤުވާމީ މީޑިއާ ސަމިޓުގެ އިފްތިތާޙީ ޖަލްސާގައި ތަޤުރީރުކުރައްވަމުންނެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދިޔަ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އިބްރާހިމް ޚަލީލް ވަނީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު މީޑިއާގެ ދާއިރާއަށް އަންނަ ކުރިއެރުންތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މީޑިއާތައް އެއް އަމާޒަކަށް ގެނައުމަށްޓަކައި ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.

މީގެއިތުރުން، މިއަހަރުގެ ސަމިޓަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "ހިކުމަތްތެރި ޒަމާނުގައި މީޑިއާ: އިއްތިފާޤުވުމުން ޢަމަލީ މައިދާނަށް" މި ޝިޢާރަކީ މިވަގުތުގެ ހާލަތާ ނުހަނު ގުޅޭ މުހިންމު ޝިޢާރެއްކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ އިތުބާރު ހިފޭ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ ވެއްޓެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން ޢަމަލީ މަސައްކަތްތަކަކަށް ދިއުމަށް ބާރުއަޅާ ދަޢުވަތެއްކަންވެސް ބަޔާންކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާގެ ވަސީލަތްތައް ކުރިއަރައިގެން ގޮސްފައިވަނީ އެއް ހަމައެއްގައި ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ހަލުވިކަމާއެކު ބަދަލުވަމުންދާ މި މާހައުލުގައި ކުރިއެރުން ހޯދުމަށް އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ، ޒަމާނީ މުވާސަލާތީ ވަސީލަތްތަކުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭންޖެހޭ ކަމަށެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި މައުލޫމާތާއި ހުނަރު ބަދަލުކުރެވޭނެ އެކަށީގެންވާ ޕްލެޓްފޯމުތައް ޤާއިމުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މިހާރުގެ ދުނިޔެ ބައްޓަންވަމުން އަންނަނީ އާޓިފިޝަލް އިންޓެލިޖެންސާއި ޒަމާނީ އޮޓޮމޭޝަންގެ މައްޗަށްކަން ފާހަގަކުރައްވައި، މިފަދަ ޓެކްނޮލޮޖީތަކާއެކު ތެދު މަޢުލޫމާތު ވަކިކޮށް ދެނެގަތުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

އާންމު ފަރާތްތަކުން ތައްޔާރުކޮށް ޝާއިޢުކުރާ ކޮންޓެންޓްތަކަށް ބޮޑު މަޤުބޫލުކަމެއް ލިބެމުންދާ މިދަނޑިވަޅުގައި، އެފަދަ އުފެއްދުންތަކުގައި ނޫސްވެރިކަމުގެ ހަމަތަކާއި އަޚުލާޤީ މިންގަނޑުތައް ނުހިފެހެއްޓޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އޮޅުވާލުމަށްޓަކައި ފަތުރާ މަޢުލޫމާތާއި ޙަޤީޤަތެއް ނެތް ވާހަކަތަކުގެ ނުފޫޒުގައި އާންމުން ޖެހުމުގެ ފުރުޞަތު ބޮޑުވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ނުރަނގަޅު މައުލޫމާތާއި، ގަސްދުގައި އޮޅުވާލަން ފަތުރާ ވާހަކަތަކާއި، ދޮގު ޚަބަރުތަކުގެ ނުރައްކާ މުޅި މުޖުތަމަޢުގައި އިންތިހާއަށް އޮތްކަން އެންމެންވެސް ދެނެގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ މި ގޮންޖެހުންތައް ވުޖޫދުގައިވާކަން ޤަބޫލުކުރުން ކަމުގައި މިނިސްޓަރ ބަޔާންކުރެއްވިއެވެ.

މިފަދަ ނުރައްކާތަކުން މުޖުތަމަޢުތައް ރައްކާތެރިކޮށް، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ. އަދި އަންނަން އޮތް ޖީލުތަކުގެ ހައްޤުގައި، މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން ނޫސްވެރިކަމުގެ އަޚުލާޤީ ހަމަތައް އެންމެ މަތީ ފެންވަރުގައި ދަމަހައްޓަންޖެހޭ ކަމަށާއި، މި ދާއިރާއިން ދެވޭ ތަމްރީނުތައްވެސް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.