ކެފޭއެއްގެ ތެރޭގައި ތިން ގަޑިއިރު ވަންދެން ބަޔަކު ހިފަހައްޓައި، ބިރުދައްކައި އަނިޔާކުރި މައްސަލައެއްގައި ޒުވާނަކު 20 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، އުމުރުން 19 އަހަރުގެ އިފްހާމް އަޙްމަދެވެ.
އޭނާގެ މައްޗަށް ކުރަނީ މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، ޖިނާއީ މަޖުބޫރުކުރުވުމުގެ އިތުރުން ޤާނޫނާ ޚިލާފަށް މީހުން ހިފެހެއްޓި ކަމުގެ ތުހުމަތެވެ. މި މައްސަލައިގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ދިފާޢީ ވަކީލު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް އެދިވަޑައިގެންނެވި ނަމަވެސް، ކޯޓުން ނިންމީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުން 20 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި އަނިޔާ ލިބުނު ފަރާތްތަކާއި ހެކިންގެ ބަޔާންތަކުގެ އިތުރުން މެޑިކޯ ލީގަލް ރިޕޯޓާއި، އަނިޔާތައް ދައްކުވައިދޭ ފޮޓޯ އަދި ސީސީޓީވީ ފުޓޭޖުތަކުގެ ސްނެޕްޝޮޓްތައް ފުލުހުން ވަނީ ހުށަހަޅާފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ، އިފްހާމް ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، އެ މީހުންގެ ފޯނު ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ޖަހާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކާފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން އެ މީހުން ހިފަހައްޓައިގެން އުޅުނުއިރު، އަނިޔާ ލިބުނު މީހުންގެ އަބުރާއި ޢިއްޒަތަށް ގެއްލުންވާ ގޮތަށް އެހެން މީހުންގެ ކުރިމަތީގައި ފޯނުން ވީޑިއޯކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.