ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދިން ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ސައުދުގެ މައްޗަށް ދައުވާ ކުރަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށް މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ކަމަށް ބުނެއެވެ. އަދި ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ހިއްސާ ނުކޮށް، އެފަދަ ރިކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ދައުވާގައިވެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސައުދުގެ ފަރާތުން ދައުވާއަށް އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިތައް ދައުލަތުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ކައުންސިލް ބައްދަލުވުންތަކުގެ ބައިވެރިންނާއި ރައީސް އޮފީހާއި އެލްޖީއޭގެ މުވައްޒަފުންނާއި މައްސަލަ ތަހުގީގު ކުރި ފަރާތްތަކުގެ އިތުރުން ކިތާބީ ހެކި ހުށަހަޅާފައިވެއެވެ.
ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ ކަނޑައެޅުއްވިއެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ބައެއް ކިތާބީ ހެކިތައް ރައްކާތެރި ކުރުމުގެ އަމުރެއް ވެސް ވަނީ ނެރެފައެވެ.
މި މައްސަލައިގައި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ސައުދުގެ ފަރާތަށް ގާޒީ ވަނީ ދެއްވައިފައެވެ. އަދި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ މަހު ބާއްވަން ވަނީ ތާވަލްކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.