އަހަރުމެންކުޑައިރު ކިޔާން ލިބުނު ކުރުވާހަކަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހަނދާނުގައި ހުންނާނެ އެއްވާހަކައަކީ "ދެބުޅަލުގެ އަރައިރުން "މިވާހަކައެއެވެ. މި މުހިންމު ޢިބްރަތްތެރިވާހަކަ އަކީ އުސްތާޛުލް ޖީލް އަލްއުސްތާޛު މުހައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ ވަރަށް މަޝްހޫރު، އިބްރަތްތެރި ކުޑަކުދިންގެ ވާހަކައެކެވެ.
މި ވާހަކަ އަކީ ދިވެހި އަދަބިއްޔާތުގައި ކިޔަވައިދިނުމަށާއި ކުޑަކުދިންގެ އަޚްލާޤު ބައްޓަންކުރުމަށް ވަރަށް ގިނައިން ބޭނުންކުރެވޭ ހިކުމަތްތެރި ވާހަކައެކެވެ. މި ވާހަކައިގައި ކިޔައިދެނީ ދެ ބުޅަލަކަށް ލިބުނު ބޯކިބަލެއް ބެހުމުގައި އެކަކު އަނެކަކަށް ގޮތް ދޫނުނުކުރެވުމުން، އެއަށް އިންޞާފުވެރިކަމާއެކު ބަހާނެ ގޮތަކާމެދު ދެބަސްވެ އަރައިރުންވި ގޮތާއި، އަދި މިކަމުގައި ރާމާމަކުނުގެ އެހީއަށް އެދުމުން ކަންތައްދިމާވި ގޮތުގެ ވާހައެވެ. ދެބުޅަލަކަށް މަގުމަތިން ރޮށިފަޅިއެއް ފެނެއެވެ. އަދި އެ ރޮށިފަޅި ދެބައިކުރާނެ ގޮތަކާމެދު ދެބުޅާ ބޮޑު އަރައިރުމަކަށް ދެއެވެ.
ދެމީހުން ކުރެ އެކަކުވެސް އަނެކަކަށް ދޫދޭކަށް ބޭނުމެއް ނުވެއެވެ. އެވަގުތު އެތަނުން ދިޔަ ރާމާމަކުނަކަށް މި މަންޒަރު ފެނިގެން، އިންސާފުވެރިކަމާއެކު ރޮށިފަޅި ބަހައިދޭނެކަމަށް ބުނެ އެކަމާ ހަވާލުވެއެވެ. ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ހިފައި ރާމާމަކުނު ފިސާރިރޭވުމެއް ރޭވިއެވެ. އެއީ އެ ރޮށިފަޅި ދެބަޔަށް ފަޅާލުމަށްފަހު މަކުނު ގެންގުޅޭ ތަރާދަށް ލުމމެވެ. އެއްކޮޅު ބަރުވުމުން، ހަމަހަމަކުރަން ވެގެން ބަރުވި ކޮޅުން ރޮށިކޮޅެއް ކާލައެވެ. ދެން އަނެއްކޮޅު ބަރުވެއެވެ. މިގޮތަށް ހަމަހަމަކުރާ ބަހަނާގައި، މަކުނު ގޮސް މުޅި ރޮށިގަނޑު އެއްކޮށް ކާލާ ހުސްކޮށްލައެވެ. މި ވާހަކައިން ލިބޭ އެންމެ ބޮޑު އިބުރަތަކީ ދެމީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް އަމިއްލައަށް ސުލްހަވެރިކަމާއެކު ހައްލު ނުކޮށްފިނަމަ، ތިންވަނަ މީހަކު އައިސް އޭގެ ނާޖާއިޒު ފައިދާ ނަގައި ދެމީހުންނަށްވެސް ދެރަގޮތް ވެދާނެކަމެވެ. ދެބުޅަލުގެ މެދުގައި އޮތް ދަހިވެތިކަމުގެ ސަބަބުން، އެންމެ ފަހުން ދެބުޅަލަށްވެސް ލިބުނު އެއްޗެއް ނެތެވެ.
ހަމަ މިފަދަ އެހެން މިސާލެކެވެ. " ތިމާއަށް ނުލިބުނު އެއްޗެއް އަނެކާއަށް ލިބިގެން ނުވާނެވެއެވެ" މިއަދު މިރާއްޖޭގައި ބައެއް ވެރީންގެ ޢަމަލުތައް ފެންނަނީ މިބީދައިންނައެވެ. ތިމަންނަގެ ވެރިކަމުގައި ކޮށްނުދެވުނު ކަމެއް އަނެއް ވެރިމީހާގެ ވެރިކަމުގައި ކުރަންފުރުޞަތު ދީގެން މަޑުން ނުތިބެވުމެވެ. ނުވަތަ ތިމަންނާމެންގެ ޕާޓީގެ ވެރިކަމުގައި ކުރަން އުޅެ ނުވިކަމެއް އަނެއްޕާޓީގެ ވެރިކަމުގައި ހަމަހިލާ ކުރެވިގެން ނުވާނެކަމެވެ. މި ވިސްނުމުގެ ތެރޭގައި އަދި އެހެން ބަޔަކުވެސް އެބަ އުޅެއެވެ. އެއީ މިފަދަ ހުރިހާ ކަމަކަށް އިދިކޮޅު ހަދާ ވިސްނުމުގެ މީހުންނެވެ. ތިމާމެންނަށް ވެރިކަން ލިބޭކޮންމެ ފަހަރަކު ޤައުމު "ލުނބޯ ކިބައެއް ފެލާލާހެންހެން" ދިޔަފެލާ ހުސްކޮށްލާ، މުޅިދުނިޔޭގެ ބާޒާރުގައި ދަރާވިއްކާލައެވެ. އެކަމަކު ބަޔަކަ ޤައުމަށް ތަރައްޤީ އާއި ނަފާ ގެނުވާނޭ މަޝްރޫޢެއް ފަށާނަމަ، އެކަމާ އިދިކޮޅުވެ، އެފަދަ މަޝްރޫޢުތައް ޚަރާބު ކުރަން ފޫގަޅާލާ މަންޒަރު މިފަހަކަށް އައިސް މިދަނީ ތަކުރާރު ވަމުންނެވެ.
1857 ގެ ކުރީގައި ވޯރާއިންގެ ވިޔަފާރި ދެމޫސުމަށް ބަލައި އެމީހުން ކުރަމުންދިޔައީ މާލޭގެ ފަޅުތޭރޭގައި ތިބެގެންނެވެ. ވެރިކަމުގެ ބާރުގެ ތެރޭގައި އޮތް ވާދަވެރިކަމުގެ ތެރެއިން މާލޭގެ ނުފޫޒުގަދަ ދެ ޢާއިލާއެއްގެ ކޮންޓްރޯލް ރަސްކަމުގައި ހުންނަ މީހެއްގެ މައްޗަށް ހިންގަމުން އައި މިދުވަސްވަރުގައި މީގެ ތެރެއިން އެއްޢާއިލާގެ ނުފޫޒުގައި ވޯރާއިންނަށް މާލޭގެ އެއްގަމުގައި ވިޔަފާރި ހުއްދަ އޭރުގެ ރަދުން ދެއްވިއެވެ. މިކަމާ އަނެއް ޢާއިލާއިން ހިތް ހަމަ ނުޖެހި، އެ ޢާއިލާގެ ބޮޑުން ރާއްޖެދޫކޮށް ސިލޯނުގެ ގޯލް އަށް ހިޖުރަކުރިއެވެ.
އަދި ފަހުން މިސަދަވެރިކަމުގެ ތެރޭގައި ވޯރާއިން އެމީހުންގެ ބާރާއި އާރު އިތުރު ކޮށް މުޅި ދިވެހީންގެ އިޤްތިޞޯދު އެމީހުންގެ އަތްދަށުގައި ލިއެވެ. 1960 ގައި ސުމައްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި އެކިލެގެފާނުގެ ޙިކުމަތުން ވޯރާއިން ރާއްޖޭން ފޮނުވާލިއިރު އެމީހުންގެ ވަކިތަކުގެ ދަށުގައި ދިވެހިވިޔަފާރި އޮންނަތާ 100 އަހަރު ފުރިއްޖެއެވެ. މިވެސް ދިވެހީންގެ މާޒީއިން ފެންނާން އޮތް ޢިބްރަތްތެރި ފިލާވަޅެކެވެ. ވޯރާއިންނަށް ބާރުލިބުނީ ދިވެހީންގެ ބޮޑުންގެ ތެރެއިން ބަޔަކު އެކަކު އަނެކަކަށް އޮތް ޒާތީ ހަސަދަވެރިކަމާއި ފިތުނައިގެ ސަބަބުންނެވެ. ބޮޑުހުޅުގެ މައްސަލައާއި، ދިވެހީން އިނގިރޭސީންގެ ހިމާޔަތަށް ދާން ޖެހުންފަދަ ކިތަންމެ ކިތަންމެ ކަމެއް ހިނގާފައިވަނީ މިދެންނެވި ހަސަދަވެރިކަމުގެ ތެރެއިންނެވެ. ތިމަންނާމެން ނޫން އެހެން ބަޔަކު ވެރިކަމުގެ ބާރުގައި ތިބެއްޖެ ކޮންމެ ހިދެއްގައި ޤައުމު ސުންނާފަތިވިޔަސް ހެޔޮކަމަށް ވިސްނާ ސިޔާސީވެރީން އޭރުވެސް އަދި މިހާރުވެސް ރާއްޖޭގައި ތިބޭތީއެވެ.
ދިވެހީންނަށް ޤާނޫނީ ހުކޫމަތެއް ލިބުނީ 1932 ވަނަ އަހަރުއެވެ. ފުރަތަމަ ޤާނޫނީ ކެބިނެޓު ވަރަށް ހަލުވިކަމާއެކު ރާއްޖެ ޒަމާނާއި އެއްގޮތަށް ތަރައްޤީގެ މަގުގައި ކުރިއަށް ދުވެލިބާރު ކުރުމަށް މަސައްކަތް ފެށިއެވެ. ފުރަތަމަ ފަހަރަށް އެތަކެއް ޤާނޫނުތަކެއް ފާސްކުރިއެވެ. ވިޔަފާރިއާއި ޓެކްސް އާއި އަދި މިނޫންވެސް ދިވެހީންނަށް އޭގެ ކުރިން ޤާނޫނީ ގޮތުން ލިބިދީފައިނުވާ އެތަކެއް ހައްޤުތަކާއި ފުރުޞަތުތަކެއް ފަހިވެގެންދިޔައެވެ. ކެބިނެޓަށް ވަޒީރަކު ހުށަހެޅުއްވި އެއްބިލަކީ ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް އާގުބޯޓެއް ސަރުކާރުން ބައްލަވައިގަތުމުގެ ބިލެވެ. މި ބިލާ އިދިކޮޅުފަރާތަކުން މިއީ އެވަގުތަށް ކުރަން އެކަށީގެންވާކަމެއް ނޫންކަމަށް ވަކާލާތު ކުރެއްވިއެވެ.
ނަމަވެސް ޑިމޮކްރަސީގައި ކަން އޮންނަގޮތަށް މެޖޯރިޓީގެ ތާއީދާއި އެކު މިކަން ފާސްކޮށް ބޯޓުގަނެ މާލެގެނައެވެ. އެހެން ނަމަވެސް މި ކަމުގައި ޚިޔާލު ތަފާތުވިފަރާތްތަކުން ޤައުމަށްވުރެ އިސްކުރީ ޒާތީ ހަސަދަކަމުގައިވާތީ އެންމެފަހުން މި ބޯޓުން ކުރަން ނިންމި އެއްވެސް ބޭނުމެއް ނުފުދި ފުނަދޫ ކައިރިއަށް ބޯޓުފައްތާލީއެވެ. އަދި ދައުލަތުގެ ތިޖޫރި މިކަމުހައި ހުސްވެ، މިބޯޓަށް ފަހުން ދިން ނަމަކީ " ތަޅުކީހާލި" މިއެވެ. ތިމާމެންނޭދޭ ކަމެއް އެއީ ކިތަންމެ ރަނގަޅުކަމެއް ނަމަވެސް އެކަން އެހެން މީހަކު ކުރަން އުޅޭނަމަ އެކަމަށް ހުރަސް އެޅުމަކީ އޭރުވެސް މިހާރުވެސް ހިނގާކަމެކެވެ. އާގުބޯޓެއް ގެނެސް އެއިން މުދާބާލާ ވިޔަފާރި ފުޅާކުރަން 1923 ގައި ފެށުނު ޚިޔާލަކީ ދިވެހީންނަށް ނުކުރެވޭނޭ ވަރުގެ ކަމެއް ނޫނެވެ.
ޑރ މުޙައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމަކީ އެމްޑީޕީގެ ވެރިކަމުގެ ހުވާކުރި ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމުން އުފެދުނު ޤާނޫނީ ސަރުކާރެކެވެ. އެމަނިކުފާނަށް ލިބުނު ކުރުމުއްދަތުގައި ނުހަނު ގިނަ ކަންކަން ކުރެއްވޭތޯ ނުހަނު ހިތްވަރުކުރެއްވި މަންޒަރު އަޅުގަނޑު ހަމަގައިމުވެސް ދުށީމެވެ. އޭގެ ތެރެއިން އެއްކަމަކީ، ފ އަތޮޅުގައި އެންމެ ހުޅަނގަށް އޮންނަ، ފ ހިމިތީ ފަޅު ހިމެނޭހެން ސަޢޫދީ ޢަރަބިޔާގެ ޝާހީ ޢާއިލާއަށް އެތަކެއްބައިވަރު ވިލާ އަޅާގޮތަށް އެބޭފުޅުންގެ ހޮލިޑޭ ހޯމްތަކެއް ތައްޔާރު ކުރުމުގެ މަޝްރޫޢުއެވެ. ސަޢޫދީ ޝާހީއާއިލާއަކީ ފަރަންސޭސީވިލާތާއި، މޮރޮކޯއާއި އަދި އެނޫންވެސް މެދުތެރޭކަނޑުގެ ސަރަހައްދުތަކުގައި އިންތިހާއަށް އަގުބޮޑުކޮށް ހޮލިޑޭ ހައްދަވާ ބޭފުޅުންނެވެ.
ރާއްޖެފަދަ މުސްލިމު ޤައުމެއްގައި އެމީހުންގެ ޕްރައިވަސީ އާއި ހިތްހަމަޖެހުން އިންތިހާއަށް އޮންނާނޭ މާހައުލެއްގައި އެތަކެއް ބިލިއަން ޑޮލަރުގެ އިންވެސްމެންޓް އެއްކޮށް އެ އިންވެސްޓްމަންޓް ދަމަހައްޓާނަމަ އެކަމުގެ ފައިދާ ސީދާ ކުރާނީ ދިވެހިރައްޔިތުންނަށެވެ. އެހެންކަމުން މި މަޝްރޫޢުގެ ފެށުން ރައީސް ޑރ ވަހީދާއި ގުޅުނަސް، މި މަޝްރޫޢުގެ ތަރުތީބުކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނީ އޭރުގެ ފަތުރުވެރިކަމުގެ ކަންކަން ބެލެހެއްޓެވި ވަޒީރު އަޙްމަދު އަދީބު ޢަބްދުލް ޤަފޫރެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވުމަށްފަހު ފަތުރުވެރިކަމުގެ ވުޒާރާ ހަވާލުކުރެއްވީވެސް ހަމަ ޑރ ވަހީދުގެ ވެރިކަމުގައި އެ ވުޒާރާ ބެލެހެއްޓެވި އަޙްމަދު އަދީބު ޢަބްދުލް ޢަފޫރަށެވެ. ސަޢޫދީ ޝާހީ ޢާއިލާގެ މިދެންނެވި މަޝްރޫޢު ރައީސް ޔާމީން އަށް ކުރިންވެސް އޮތީ އޮޅުން ފިލާފައެވެ. އެހެންކަމުން ޤައުމަށް ލިބޭ މިފަދަ ބޮޑު މަޝްރޫޢުއަކަށް ޢަމަލީ ސިފަ ގަނައުމަށްޓަކައި ކުރަންޖެހޭ އެންމެހާކަންކަން އެމަނިކުފާނާއި އޭރުގެ ކެބިނެޓު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ފަސް ނުޖެހި ކުރިއަށް ގެންދިޔައެވެ.
މި މަޝްރޫޢަށް ބޭނުންވާނީ ޤާނޫނީ ހަމަތައް ތަޢާރުފުކުރުމަށްޓަކައި އެންމެ ފުރަތަމަ ޤާނޫން އަސާސީއަށް ގެންނަވަންޖެހޭ މުހިންމު އިސްލާޙްތައް ގެންނެވިއެވެ. ޤައުމަށް ބޮޑު ބަދަލެއް ގެނުވާނޭ އުންމީދީ މަޝްރޫޢަށް އިދިކޮޅުފަރާތްތަކުން ސިފަ ކުރީ " ބިންވިއްކާލި" މަޝްރޫޢުގެ ގޮތުގައެވެ. މިދެންނެވި އިސްލާޙް، ރައްޔިތުންގެ މަޖިލީހުގެ 2015 ވަނަ އަހަރު ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާއަށް އެޖެންޑާ ކުރެވުނު " ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީ އަށް އިސްލާޙް ގެނައުމުގެ ބިލް" ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް ސަރުކާރުގައި، ސަރުކާރުގެ ފަރާތުން ވެރިކަންކުރާ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ހުށަހެޅީ އަޅުގަނޑެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ރައްޔިތުންގެ މަޖިލީހުގައި ތަރުތީބު ކޮށް ހުށަހަޅާ ފާސްކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރަނީ އެސަރުކާރަކަށް ނިޞްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގުރޫޕުގެ ފަރާތުންނެވެ. އެ މަސަކަތްތައް އިސްވެ ކުރާނީ އެ ޕާޓީއެއްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރއެވެ. އޭރު އަޅުގަނޑަކީ ވިލިމާލޭދާއިރާގެ މެންބަރުވެސް މެއެވެ.
މިއީ އެ އަހަރު ތެރޭގައި ( 2008 ގެ ޤާނޫން އަސާސީ އަށް ) ޤާނޫން އަސާސީއަށް ގެނެވުނު 2 ވަނަ އިސްލާހެވެ. ފުރަތަމަ އިސްލާޙަކީ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ވާދަކުރުމުގެ މަތީ ޢުމުރު 65 އަހަރަށް ބަދަލުކުރި އިސްލާޙެވެ. ދެވަނަ އިސްލާޙަކީ ދިވެހި ޤާނޫން އަސާސީއަށް އިތުރު ޗެޕްޓަރެއް އިތުރުކުރުމާއެކު ރާއްޖޭގެ ބިން 99 އަހަރަށް ވުރެ ގިނަ ދުވަހަށް ކުށްޔަށް ދިނުމުގެ ބޭނުމުގައި ގެނެވުނު އިސްލާހެކެވެ. މި އިސްލާހުގެ ފުރަތަމަ ކިއުން މަޖިލީހުގައި އިއްވީ އަދި ބިލް ހުށަހެޅީ އަންގާރަ 21 ޖުލައި 2015 10:30 ގައެވެ. އެދުވަހުގެ ޖަލްސާގެ އެޖެންޑާއަކީ އެޖެންޑާ ނަންބަރު އޖ15/2/2015/ އެވެ. ހަމަ އެދުވަހުގެ ރޭ 21:00 ގައި މި ބިލުގެ ބަހުޘްގެ މަރުހަލާކުރިއަށްގެންދެވުނެވެ. އަދި ޖެހިގެން އައި 22 ޖުލައި ދުވަހުގެ 14:30 ގައި ޖަލްސާއެއް ބާއްވައި މަޖިލީހުގައި އޭރުތިއްބެވި މެންބަރުންގެ ތިންބައިކުޅަދެބައި ވޯޓުން މި އިސްލާޙް ފާސްކުރިއެވެ.
ޤާނޫނުއަސާސީއަށް ގެނައި މިއިޞްލާޙު (ޤާނޫނު ނަންބަރު 20/2015) ގެ ބޭނުމަކީ ޤައުމަށް އިތުރު ކުރިއެރުން ހޯދުމެވެ. 18 ވަނަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރ އޮނަރަބަލް ޤާޞިމް އިބްރާހީމާއި، އަދި އެމްޑީއޭގެ ލީޑަރ އޮނަރަބަލް އަޙްމަދު ސިޔާމް މުހައްމަދު މި ވޯޓުގައި އިސްލާޙަށް ވޯޓު ދެއްވިއެވެ. މި ބިލް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމީން ޢަބްދުލް ޤައްޔޫމް ތަޞްދީޤް ކުރެއްވީ، 23 ޖުލައި 2015 ދުވަހު އެވެ. ތަޞްދީޤް ކުރެއްވުމަށްފަހު ދިވެހި ޤައުމަށް މި އިސްލާޙް ގެ ސަބަބުން ލިބިގެންދާނޭ ކުރިއެރުމުގެ ރައްޔިތުންނަށް ލިބިގެންދާނޭ ފުރުޞަތުތަކުގެ މައްޗަށް އެމަނިކުފާނު ނުހަނު އުންމީދުން ފުރިގެންވީ ވާހަކަފުޅުތަކެއް ދެއްކެވިއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށި ތާރީޚަކީ ޖެހިގެން އައި ޖުލައި މަހުގެ 24 ވަނަ ދުހެވެ. ބަދަލު ގެނައި މައިގަނޑު މާއްދާއަކީ، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާ (ރާއްޖޭގެ ސަރަޙައްދުން ބައެއް ބޭރުގެ ފަރާތްތަކަށް ވިޔަފާރީގެ އުޞޫލުގެ ދަށުން ކަންޑިޝަންތަކަކާއި އެކު ދިގު މުއްދަތަކަށް ދިނުމެވެ. އެއާއި ގުޅިގެން ޤާނޫނަށް އަސާސީ އަށް 15 ވަނަ ބާބު އިތުރުކުރުމެވެ. ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓަށް ބިމުގެ މިލްކުވެރިކަމުގެ ހައްޤޫ ދޫކޮށްލުމުގެ ބާބުގެ ގޮތުގައެވެ. 302 ން 309 އަކަށް އިތުރު ކުރެވުނު މާއްދާތަކެވެ. އެއީ ޤާނޫން އަސާސީގައި އޭރު ބަޔާންވެގެންވާ ގޮތުގައި އެފަދައިން ދެވޭނޭ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމުގައިވެފައި، 1 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓް އެއް ރާއްޖެއަށް ގެނެސް އެ އިންވެސްޓްކުރުމަށް އެ މުއްދަތު ކުޑަވީމައެވެ. ޤާނޫން އަސާސީއަށް ގެނައިބަދަލުގައި ހިމެނޭ މުހިންމު އިސްލާޙަކީ ވަކި ޚާއްޞަ ޝަރުޠުތަކަކާއެކު، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ވިޔަފާރީގެ ބޭނުމަށް މިލްކުކުރެވޭ ގޮތަށް ހުއްދަދިނުމެވެ. މީގެ ތެރޭގައި 1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން އިންވެސްޓްކުރުމާއި، ބިމުގެ 70 އިންސައްތައަކީ ހިއްކި ބިމަށް ވާންޖެހުން ހިމެނެއެވެ. މި އިސްލާޙް މި ލިޔުމާއި އެކު ހިމަނާ އެޓޭޗް ކުރެވިފައިވާނެއެވެ.
ފ. އަތޮޅު ހިމިތި އަދި ހިމިތީ ފަޅުހިއްކައިގެން ސަޢޫދީ ޢަރަބިޔާގެ ޝާހީ ޢާޢިލާއިން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމި މި ދެންނެވި މަޝްރޫޢުގެ ސަބަބުން އެތަކެއް ހާސް ވަޒީފާ ރާއްޖޭގައި އުފެއްދޭނެއެވެ. ދިވެހިދައުލަތަށް އެތަކެއް ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ. ސަޢޫދީ ޢަރަބިޔާ ފަދަ 100 ޕަސެންޓް މުސްލިމު ޤައުމެއްގެ އިންވެސްޓްމަންޓްއަކުން ދިވެހީންނަށް ލިބޭނޭ ހުރިހާގޮތަކުން މޮޅުކަމަށް ބެލުމުގެ ފުރިހަމަ ޖާގަ އޮތެވެ.
މި މަޝްރޫޢުއަށް ބޭނުންވާ ޤާނޫނީ މަސައްކަތްތައް ހަމަ ފެށުމާއި އެކު އޭރުގެ އިދިކޮޅުފަރާތްތަކުން ( އެމްޑީޕީ އިސްވެ އޮވެ ) އެ މަޝްރޫޢު ރާއްޖޭގައި ނުހިންގުމަށް އެކި އެކި ހުތްޖަތް ދައްކަން ފެށިއެވެ. ދިވެހީންގެ ބިން ވިއްކާލަނީ ކަމުގައިބުނެ، ރައްޔިތުންނަށް ވިސްނައިދޭން ފެށީ ސަރުކާރަށް ޕްރެޝަރ ކުރުމަށެވެ. އަދި އެވަރުން ނުވެގެން ސަޢޫދީ ރަސްގެފާނު ރާއްޖެއަށް ކުރައްވަން ހަމަޖެއްސެވި ދަތުރެއް ކެންސަލް ކުރުމަށް މަޖުބޫރުވީވެސް އިދިކޮޅުފަރާތްތަކުން ޖެހި ނުރައްކާ އެތަކެއް މަޅިތަކުގެ ތެރެއިންނެވެ. ރާއްޖޭގައި " ދޫނިރޯގާ" އެބަ އުޅޭކަމަށް ރަސްގެފާނަށް ޓެގްކޮށް ޓުވީޓް ކޮށް ހެދިއެވެ. އަދި ދިވެހީން މިކަމާ ދެކޮޅުކަން ދައްކަން މުޅި ސޯޝަލް މީޑިއާ ފުރާލިއެވެ. މިއީ އެއްވެސް ހާލެއްގައި ވަގަށް ކުރަން އުޅުނު މަޝްރޫޢުއެއް ނޫނެވެ. ޤާނޫން އަސާސީއަށް ބަދަލުގެނައުމަށް އެމްޑީޕީގެ މެންބަރުންވެސް ވޯޓު ދެއްވިއެވެ. މަޖިލީހުގެ ތިންބައިކުޅަ ދެބައި ޞައްޙަ ވޯޓުވެސް ލިބުނެވެ. ނަމަވެސް މިފަދަ މަޝަރޫޢަކީ ތިމާމެންގެ ވެރިކަމުގައި ތިބި އިރު ފެށުނު މަޝްރޫޢަކަށް ނުވާތީ މުޅި މަޝްރޫޢާއި ދެކޮޅަށް އިދިކީލަވީއެވެ.
ނަތީޖާއަކީ އާޚިރުގައި ހުރިހާ ގެއްލުމެއް ލިބުނީ ދިވެހިރައްޔިތުންނަށެވެ. ދެބުޅަލުގެ އަރައިރުމަށްވެ ނިމިދިޔައީއެވެ. ސަޢުދީން ރަތްކަނޑުގައި ފަހުން މި މަޝްރޫޢު ހިންގިއެވެ. ނެޓުން ހޯއްދަވާލަނިކޮށް ސާފުކޮށްފެންނާނެއެވެ. އެފަދަ ބޮޑު މަޝްރޫއެއް ރާއްޖޭގައި އޭރުގެ ސަރުކާރުން ހިންގަންއުޅުމުން އެކަމާ ހަޖަމްނުވެ، ހަސަދަވެރިކަމާއި ފިތުނަވެރިކަމުގެ ސަބަބުން ދިވެހީން އަތުން ގެއްލި ދިޔައީ ނުހަނު ފަހި ފެހި ފުރުޞަތެކެވެ. އެ މަޝްރޫޢާއި މެދު އޭރު ފާޑުކިޔާ ދެކޮޅު ހެދި ބައެއްފަރާތްތަކުން ފަހުން އެކަމުގެ ހިތާމަކުރާކަމަށް ބުނެ ވާހަކަ ދެއްކި އަޅު އަޅުގަނޑުގެ ދެކަންފަތުން އަޑު އެހީމެވެ. ތިމާމެންގެ ސިޔާސީ ޚިޔާލު ކިތަންމެ ތަފާތުވިނަމަވެސް ޤައުމަށް އަންނަ މި ބާވަތުގެ ކުރިއެރުންތަކަށް ހުރަސް އަޅައިގެން ނުވާނެއެވެ. އެއީ ކަނޑައެޅިގެން ޤައުމަށް ވަފާތެރިކަމެއް، ލޯތްބެއް ކުލުނެއްނެތުމުގެ ސަބަބުން ހިނގާކަންތައްތަކެވެ. ތިމާއަށް ނުވި ކަމެއް އަނެކާއަށް ވިޔަ ނުދިނުމެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ ޤައުމު އިޤްތިޞާދީ ގޮތުން އަދި ދަރަނީގެ ގޮތުން ނުހަނު ނިކަމެތި ދަނޑިވަޅެއްގައިއެވެ. 2026 ވަނަ އަހަރުގެ މެދެއްހާ ހިސާބަށް އެއަހަރަށް އެކެނި ބޭރުގެ ދަރަނީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭކަން އެމަނިކުފާނަށް އިނގިވަޑައިގަންނަވައެވެ. ހަމަ ގައިމުވެސް އެދަރަނިތަކަކީ އެމަނިކުފާނު އުފެއްދި ދަރަނިތަކެއް ނޫނެވެ. އެއީ އޭގެ ކުރީގެ ސަރުކާރުތަކުން ( ޚާއްޞަ ކޮށް 2018 – 2023 ) އެމްޑީޕީން ކުރިއަށް ގެންދިޔަ ސަރުކާރުން ނެގި ދަރަނިތަކެވެ. ޖީޑީޕީގެ ނިޞްބަތުން ދަރަނި އުޅޭނީ 123 ޕަސެންޓުގައެވެ. ބޭރާއި އެތެރޭގެ ދަރަނި އިންތިހާއެވެ. ޤައުމުގައި އޮތިއްޔާ އޮތް ހަރު މުދަލެއް އޮތީ އެމްޑީޕީ ސަރުކާރުން މޯގޭޖް ކޮށްފައެވެ. ދަރުމަވަންތައަކަސް، މާލޭގެ ޕްރައިމަރީ ސްކޫލަކަސް އޮތީ އެއްހާލެއްގައެވެ.
ދިވެހީންގެ ގިނަ ބަޔަކު އަދި ވަކީން ޚާއްޞަކޮށް ގްރޭޓަރ މާލޭގެ ރައްޔިތުންގެ ހުއްޓުމެއް ނެތް ޑިމާންޑަކީ " ބޯހިޔާވަހި" ކަން ނެތުމެވެ. ގޯތި ނެތުމެވެ. ފްލެޓް ނެތުމެވެ. އެހެންކަމުން ރައީސް އެއްގެ ހައިސިއްޔަތުން ރައީސް މުޢީޒްވަނީ ރަސްމާލޭގެ ބޮޑު މަޝްރޫޢު ހިއްކުން ފައްޓަވައި 2 އަހަރު ތެރޭގައި އެތަނުގެ ބޮޑު ބަޔެއް ހިއްކަވާފައެވެ. އެފަދަ ބިމެއްގައި ރިވެޓްމަންޓް ގެނެސް، މަގުތައް ހަދައި، ކަރަންޓް އަދި ނަރުދަމާއާއި ފެނުގެ ނިޒާމު ގާއިމު ކޮށް، އެއްގަމު ތޮށިތަކާއި ފާލަންތައް ހަދައި ނިންމުމަކީ ބޭރުގެ އިންވެސްމަންޓް ތަކުގެ އެހީއާއި ނުލައި މިވަގުތު ރާއްޖެއިން ލިބެން އޮތް އާމްދަނީ އަކުން ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން އެ މަޝްރޫޢު ވެސް ދިރުވާ ކުރިއަށް ގެންގޮސް، އެ ތަނުން ދިވެހީންނަށް ބޯހިޔާވަހިކަން ދީ އަދި މަޝްރޫޢުގެ ތެރެއަށް ބައިނަލް އަޤްވާމީ ފެންވަރުގެ މަތީފަންތީގެ ލަގްޒަރީ މަޝްރޫޢެއް ގެނައުމަށް އަބޫދާބީގެ ވިޔަފާރިކުންފުންޏަކާއި އެކު ދާދިފަހުން މަޝްރޫޢެއް އެކުލަވާލާ އެކަމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުންތަކުގައި ދިވެހިސަރުކާރާއި އަބޫދާބީގެ " އީގަލް ހިލްސް " ސޮއި ކުރިއެވެ.
މަޝްރޫޢުގެ ސޮއި އަޅާލުމާއެކު 2015 ގައި ސަޢުދީން ފ އަތޮޅުގައި ހިންގަން އުޅުނު މަޝްރޫ ތިމާމެންގެ އަމިއްލަ އެދުމާއި، ހަސަދައާއި މަވެތިކަމުގެ ތެރެއިން ހުއްޓުވި ޓީމުން އަވަސްވެގަތީ މި މަޝްރޫޢު ވެސް ހުއްޓުވުމަށެވެ. މި ފަހަރު ކިޔަން ދިމާކޮށްފައިވާ "އަންބާތައް" އަދި މާ ގިނައެވެ. އިންވެސްޓް ކުރާ ފަރާތަކީ ޔަހޫދީ ދައުލަތާއި ވިޔަފާރި ކުރާ މީހަކަށްވެއްޖެއެވެ. މިވާހަކަ ދައްކާލަން މިޖެހުނީ މަދުދިވެއްސެއްފިޔަވައި ޒަޔަނިސްޓް ދައުލަތަށް ތާއީދު ކުރާނޭ އެއްވެސް ދިވެހި މުސްލިމަކި މި ފަސްގަނޑުގައި ނުހުންނާނޭކަން ޤަބޫލު ކުރާ ހާލަތުގައެވެ. ޚުދު ޢަޅުގަނޑަކީވެސް ސޯޝަލް މީޑިއާގައި އަދި ލިބުނު ކޮންމެ ފުރުޞަތެއްގައި ޒަޔަނިސްޓް ދައުލަތުގެ އަނިޔާވެރިކަން ހާމަކުރާމީހަކީމެވެ. ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ޒަޔަނިސްޓް ދައުލަތުން ދޭ އަނިޔާތަކުގެ ސަބަބުން އެކަމުގައި ހިތްދަތިވެ ހަދާނޭގޮތް ހުސްވެފައި ހުންނަމީހަކީމެވެ.
ދުނިޔޭގެ ވިޔަފާރިއާއި، ޒަމާނީ އުފެއްދުންތައް އަދި ބޭންކުތަކާއި އިންވެސްޓްމަންޓް ތަކުގައި އެންމެ ފުޅާކޮށް އިންވެސްޓް ކޮށްގެން އުޅެނީ ޔަހޫދީންނެވެ. އެއީ މިއަދަކު އިއްޔަކު އެކަން އޮތް ގޮތެއްނޫނެވެ. ޔޫރަޕުގެ މައިގަނޑު ގިނަ ބޭންކްތަކަކީ އެމީހުންގެ ފައިސާ އެވެ. "ރޮތްޗައިލްޑް" އަކީ ކޮބައިކަން ނޭނގޭ މީހަކު ހުންނާނެހެއްޔެވެ؟ އެމެރިކާގެ ވޯލް ސްޓްރީޓް އަކީ އެމީހުންގެ ކޮންޓްރޯލް އޮތްތަނެވެ. މިވަރުން ފުދުނީކީއެއް ނޫނެވެ. ޚުދު އެމެރިކާގެ ރިޔާސަތާއި، ޤާނޫނު ހަދާ މަޖިލީހުގެ މަތިގެއާއި ތިރިގޭގެ މެޖޯރިޓީ އަކީ ޒަޔަނިސްޓުން ކުޅޭން ގެންގުޅޭ ގޮނޑި ކޮށްކޮ ތަކެކެވެ. މެދުއިރުމަތީގައި އޮތް އެތަކެއް ޒަމާންވީ ޕަލަސްޠީންގެ ބިން އިނގިރޭސީން އިސްތިޢުމާރު ކުރުމަށްފަހު " ބަލްފޯޑެކްލެރޭޝަންގެ" ދަށުން ޔަހޫދީ ބޭންކަރ "ރޮތްޗައިލްޑް" އަށް ވިއްލާކީ 1917 ވަނަ އަހަރުގައެވެ. ނަތީއްޖާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސި ވިހާލިވެފައިތިބި ޔަހޫދީން އަދި ހަރުކަށި ޔަހޫދީންގެ ގޮތުގައި ތިބި ޒަޔަނިސްޓުގެ ކޮންޓްރޯލްގެ ދަށަށް 1948 އާއި ހަމައަށް އައި އިރު ޕަލަސްޠީންގެ ބިމުގައި ޔަހޫދީ ދައުލަތެއް އިނގިރޭސީންނާއި، އެމެރިކާނުންގެ ރޭވުމުން ޤާއިމު ކުރުމެވެ. މިއީ މުޅި ދުނިޔޭގެ ކުރިމަތީގައި ހިންގި އިސްތިޢުމާރެކެވެ. މިކަން އެންމެވެސް ދަނެއެވެ. ފާއިތުވި 80 އަހަރު އެތަކެއް މަސައްކަތް މިކަމަށް ހައްލެއް ގެނެވޭތޯ މުޅި ދުނިޔެ އަދި ވަކީން ޚާއްޞަ ކޮށް ޢަރަބި މުސްލިމު ޤައުމުތަކުން ކޮށްފައިވެއެވެ. މީގެ ތެރޭގައި އެތަކެއް ހަނގުރާމަވެސް ހިނގާފައިވެއެވެ. އަޅުގަނޑުގެ މައުޟޫއަކީ ޔަހޫދީ ދައުލަތާއި ފަލަސްޠީންއެއް ނޫންނަމަވެސް މި ކަމަށް މިއަލިއަޅުވާލީ ރާއްޖޭގައި ރަސްމާލޭގައި ފަށަން އުޅޭ މަޝްރޫޢުއަށް 12 ވަރަކަށް ބިލިއަން ޑޮލަރު ފަށައިގަންނަށް އަދި ޖުމުލަ 20 ވަރަކަށް ބިލިއަން ޑޮލަރު އިންވެސްޓްކުރާ އަބޫދާބީގެ މަޝްހޫރު އީމާރުގެ ބާނީ ބިލިއަނަރ މުޙައްމަދު އަލައްބާރ އަކީ ޔަހޫދީ ދައުލަތަށް މަދަދުދޭ ފަރާތެއްކަމަށް ބުނާތީ އެއަށް އަލިއަޅުވާލުމުގެ ގޮތުންނެވެ.
ދުބާއީ އިންވެސްޓްމަންޓް ކޯޕަރޭޝަންގެ މެޖޯރިޓީ ޝެރެއރ ހޮލްޑަރ އަކީވެސް އައްއައްބާރެވެ. އަދި ދުނިޔޭގެ ނިޞްބަތުން އެންމެ ރީތި ޢިމާރާތްތައް ޤާއިމު ކޮށްފައިވާ ޔޫއޭއީގެ ދުބާއީގެ މަލަމަތީން ފެންނަ އެންމެ އުސް ޢިމާރާތްކަމުގައިވާ ބުރުޖުލް ޢަރަބާއި، ދުބާއީ މޯލާއި، ޑައުންޓައުން ދުބާއީގެ 500 އޭކަރުގެ މެގަ ޑިވެލޮޕްމަންޓާއި، ދުބާއީ އޮޕެރާއާއި، ދުބާއީ ފައުންޓަންއާއި، ދުބާއީ މަރީނާއާއި، ދުބާއީ ކްރީކް ހާބަރ އާއި، އީމާރު ބީޗްފޮރްންޓާއި، ދުބާއީ ހިލް އެސްޓޭޓް އާއި ޢަރަބިއަން ރާންޗްއަކީ އީމާރުން ތަރައްޤީ ކުރި ބައިނަލް އަޤްވާމީ ފެންވަރުގެ މަޝްރޫޢުތަކެވެ. މި ފަދަ މަޝްރޫޢުތައް ހިންގާ ބައިނަލް އަޤްވާމީ ވިޔަފާރިވެރިޔަކާއި ޔަހޫދީ ވިޔަފާރިތަކާއި ދެމެދުގައި މުޢާމަލާތު ކުރާނެއެވެ. އެއީ ނުވެ ނުދާނޭކަމެކެވެ. އަޅުގަނޑުމެން މިފާޑުކިޔާމީހުން އެންމެ ގިނައިން ބަލައި، ސްޓޭޓަސް ޝެއަރކޮށް ހަދާ ފޭސް ބުކް އަކީ ހަމަފައްކާ ރަތްލާޖެހި " ޔަހޫދީ" އެއްގެ އެއްޗެކެވެ. އެހެންކަމުން ޔަހޫދީންނަށް އަޅުގަނޑުމެން މިދޭ މަދަދު ކުޑަ ހެއްޔެވެ؟ އެމީހުންގެ ބޭންކަކުން ވިޔަފާރި ކުރުމާއި، އެއިން މީހަކު އުފެއްދި އާލާތެއްގެ ބޭނުން ހިފުމާއި އޮތީ ކޮން ތަފާތެއް ހެއްޔެވެ.؟ ޔަހޫދީންނާއި ވިޔަފާރީގެ މުޢަމަލާތު ކުރުން މުސްލިމުންނަށް މަނާވެގެން ނުވެއެވެ. އެއީ އެމީހުންނަށް ތާއީދު ކުރުންކަމަށް ބެލެވޭނޭ އެއްވެސް ހަމައެއް ނެތެވެ. ހަޤީޤަތަކީ ޔަހޫދީންނާއި، ޒައިނިސްޓުންނާއި ދެމެދުގައިވެސް ބޮޑު ފަރަގެއް ހުރިކަން ޤަބޫލު ކުރުމެވެ. ޝައްކެތް ނެތެވެ! ޔަހޫދީންނަކީ ބޮޑަކަމާއި ކިބުރުވެރިވުމުގެ ގޮތުން ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ބައެކެވެ.
އީގަލްސް ހިލްސްއިން ރަސްމާލޭގައި ކުރާ އިންވެސްޓްމަންޓުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ އާމްދަނީއަކީ ރާއްޖޭގެ 179 ރިސޯޓާއި 16 ހޮޓަލާއި 920 ގެސްޓް ހައުސްއާއި 165 ސަފާރީން މިހާރު ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީ އެއްކަމަށް ތަޖުރިބާކާރުން ވަނީ ހާމަކުރައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޖުމްލަ އިންވެސްޓްމަންޓަކީ 13.7 ބިލިއަން ޑޮލަރުކަމުގައިވާ އިރު ހަމަ އެކަނި ރަސްމާލޭގައި އީގަލް ހިލްސް އިންކުރަން ނިންމާފައިވާ މަޝްރޫޢަކީ 12 ބިލިއަން އާއި 20 ބިލިއަން އާއި ދޭތެރެއެވެ. އަދި އޭގެ އިތުރުން ދިވެހީންނަށް ބޯހިޔަވަހި ކަމުގެ ނުހަނު ރަނުގެ ފުރުޞަތުތަކެއް އެވަނީ ލިބިފައެވެ.
ކޮންމެއަކަސް 2015 ގައި ސަޢުދީން ރާއްޖޭގައި ހިންގަން ބޭނުންވި މަޝްރޫޢު ނުހިންގީ ސަޢުދީންނާއި ޔަހޫދީންނާއި ވިޔަފާރި ކުރާތީ ތޯއެވެ!. ނޫނެކެވެ. ހަމަ ދިވެހި ޤައުމަށް ހެޔޮ ނޭދޭ ތީއެވެ. ތިމާމެންގެ ސަރުކާރުގައި އެ މަޝްރޫޢު ފެށިނަމަ އެއީ އެއްގަމާއި ކަނޑު ވިއްކާލިއަސް އޯކޭވާނެއެވެ. ރަސްމާލޭ މަޝްރޫޢުން ލިބޭނޭ ފައިދާތަކާއި މެދު އަޅުގަނޑު މި ތަނުގައި ބަހުޘް ކުރާކަށް ނެތީމެވެ. އެއީ ޝައްކެތް ވަސްވާހެއް އޮތްކަމަކަށް ނުވާތީއެވެ. ފ. އަތޮޅު ހިމިތީ ފަޅުހިއްކައިގެން މަޝްރޫޢޫއެއް ޤާއިމު ކުރެވިފައި އޮތްނަމަ މިއަދު ދިވެހީންނަށް މިއަދު ދިމާވަމުންމިދާ ބޭރުފައިސާ ގެ ހާލަތު ފަދަ ކަންތަކުން އަރައިގަތުމަށް ލުއި އަވަސް މަގެއް ފެނުނީހެވެ. ފަތުރުވެރިކަން ނޫން އެކި އެހެނިހެން ސިންދަފާތު ތަކުން ފައިސާ އާއި އާމްދަނީ ލިބޭނޭ ގޮތްތައް ތަރުތީބު ކުރެވުނީހެވެ.
ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ދޮގު ވާހަކަ ފަތުރާ ސަރުކާރާ ދޭތެރޭ ފިތުނަ އުފައްދާ އިންވެސްޓަރުންގެ ހިތުގައި ލަކުނު ޖައްސާ ލައްޖެއްސުމުގެ ނަތީޖާ މީގެ ކުރިންވެސް މިޤައުމުން ފެނިގެންދިޔަކަން ހަނދާން ބަހައްޓާށެވެ. އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވުނު "ފާފު އަތޮޅުގެ" މަޝްރޫޢުން ފިލާވަޅު ލިބިގެން، ރާއްޖެއަށް އަންނަ މިފަދަ އިންވެސްޓަރުން ފައްސާލުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ އަޑީގައި ތިއްބެވި ފަރާތްތަކުގެ އިޚްލާޞްތެރިކަން ޤައުމާއި މެދު އޮތް ވަޒަން ކޮށްލައްވާށެވެ. އެމްޑީޕީ އަކީ މިފަދަ ކަންކަމުގައި އިސްވެ އުޅޭ ފަރާތެއްކަން އެންމެވެސް ދަނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ގިނަ ބަޔަކު އަންތަރީސްވެ ހައިރާންވާ މިޖެހެނީ ފ. އަތޮޅު މަޝްރޫޢުއަށްޓަކައި ޤާނޫން އަސާސީ އެންމެ ދެ ދުވަސްތެރޭގައި އިސްލާޙް ކުރައްވާ އެކަމަށް ޚާއްޞަ ބާބެއް ޤާނޫން އަސާސީއަށް އިތުރު ކުރެއްވުމުގެ މުދައްބިރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ރަސްމާލޭ މަޝްރޫޢަކީ ރާއްޖޭގެ ބިންވިއްކާލެއްވުންކަމަށް އިޝާރާތްކުރައްވާ މި މަޝްރޫޢުއާއި ދެކޮޅަށް ތެދުވެވަޑައިގަތުމުންނެވެ. އެމަނިކުފާނު ޤައުމަށް ގެންނަވަން އުޅުއްވި މަޝްރޫޢުއާއި ރަސްމާލޭއަށް ގެންނަވަން މިހާރުގެ ރައީސް ޑރ މުހައްމަދު މުޢިއްޒު އުޅުއްވާ މަޝްރޫޢާއި ކުއްޔަށް ދެވޭ މުއްދަތުގެ ގޮތުން މާބޮޑު ތަފާތެއްނެތެވެ.
ވިޔަފާރީގެ ބޭނުމަށް ބިން މިލްކުރުމާއި އަދި އިންވެސްޓްމަންޓް ކަވަރުކުރުމަށްޓަކައި ބޭނުންވާނޭ މުއްދަތު އިތުރު ކުރުމަކީ އެ މަޝްރޫޢުގައިވެސް އޮތް ސިފައެކެވެ. ދައުލަތުން ޓެކްސް މާފުކުރުމެއް މި މަޝަރޫޢުގައި ނެތްކަމަށް ސަރުކާރުން އެވަނީ ސާފުކޮށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުތަކުގެ އިހްތިސާސުން މި ޕްރޮޖެކްޓްގެ ސަރަޙައްދު ވަކި ނުވާނޭކަން އެވަނީ ޢިއްލާން ކުރައްވާފައެވެ. އެހެންކަމުން މި މަޝްރޫޢާ ރައީސް ޔާމީން ދެކޮޅު ހައްދަވަން ވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނެވެ، ހަމަ އެންމެ ސަބަބެއް ފިޔަވެއެވެ. ތިމާނޫން މީހެއްގެ ވެރިކަމުގައި ޤައުމަށް މިފަދަ ކުރިއެރުމެއް އައުމަށް ހިތްހަމަނުޖެހެވުން ފިޔަވައެވެ.
މިއީ "ދެބުޅަލުގެ އަރައިރުމުގެ" ނަތީއްޖާއިން ޤައުމުގެ ބޯކިބާ ގެއްލި ބީވާން ޖެހޭ ވަގުތެއް ނޫނެވެ. މި ބޯކިބާ ރަނގަޅުގޮތުގައި ހޯދައިގެން ރައްޔިތުންގެ ޚަޒާނާއަށްލައި މާދަމާއަށް ރައްޔިތުންނަށްޓަކައި ފޮރުވާ އިންސާފުވެރިކަމާއެކު ރައްޔިތުންގެ މެދުގައި ބަހަން ހިތްވަރު ދޭން އެންމެ ލާޒިމް ބޭފުޅުންނަކީ ކުރީގެ ރައީސުންނެވެ. އަރައިރުމާއި، ދެބަސްވުމާއި، މަވެތިކަން ދޫކޮށް، ޤައުމަށްޓަކައި އެއްބައިވަންތަވެގެންނެވެ. ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނުބަލައ، ތިމާއަށް ޤައުމަށް ކޮށްދޭވެނީ ކޮންކަމެއްތޯ ބަލައިގެންނެވެ.