ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޚާރިޖީ ގުޅުމަކީ ހަމައެކަނި ދެ ދަޢުލަތެއްގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމެއް ނޫނެވެ. އެއީ ދެ ޤައުމުގެ ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ، އިސްލާމީ ވަރުގަދަ ޢަޤީދާއާއި ޒަމާންވީ އަޚުވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ވަރަށް ޚާއްޞަ އެކުވެރިކަމެކެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން، 26 ޖުލައި 1966 ގައި ރަސްމީކޮށް ޤާއިމުކުރެވުނު މި ގުޅުމަށް މިއަދު 60 އަހަރު ފުރެން ކައިރިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ މި ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭނެ ތާރީޚީ ދަތުރުފުޅެކެވެ. ޚާއްޞަކޮށް، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދިވެހި ދަޢުލަތުގެ ވެރިއަކު ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން ފުޅާކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފުރުޞަތެއް ކަމަށެވެ.
ތާރީޚުގެ ތެރެއިން ބަދަހިވަމުން އައި ގުޅުމެއް
ދެ ޤައުމުގެ ގުޅުން ފެށިގެން އައި ދުވަސްވަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހެއްކަކީ، 1976 ވަނަ އަހަރު ޕާކިސްތާނުގެ 'ހަބީބް ބޭންކް' ގެ ޚިދުމަތް ރާއްޖޭގައި ފެށިގެން ދިޔުމެވެ. މީގެއިތުރުން، ރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ހަތަރުވަނަ ޤާނޫނުއަސާސީ (ނޫ ޤާނޫނުއަސާސީ) އެކުލަވާލުމުގައި ޕާކިސްތާނު ސަރުކާރުން ފޮނުއްވި ފަންނީ ޤާނޫނީ މާހިރުގެ ލަފަޔާއި އެހީތެރިކަން ދިވެހި ތާރީޚުގައި ވަނީ ފަވާލެވިފައެވެ.
އޭގެ ފަހުން 1984 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، 1985 ގައި ޕާކިސްތާނުގެ އޭރުގެ ރައީސް ޖެނެރަލް މުޙައްމަދު ޟިޔާއުލްޙައްޤު ރާއްޖެއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަކީ މި ގުޅުމުގެ ބިންގާ ވަރަށް ވަރުގަދައަށް އެޅިގެންދިޔަ މުހިންމު ދަނޑިވަޅުތަކެކެވެ. މީގެ އިތުރުން ސާކް ސަމިޓްތަކުގެ ތެރެއިންނާއި ވަކިން ކުރެއްވި ދަތުރުފުޅުތަކުގައި ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި، ޝައުކަތު ޢަޒީޒް އަދި ޔޫސުފް ރަޒާ ގިލާނީ ފަދަ ލީޑަރުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާފައެވެ.
ޚާއްޞަކޮށް 2004 ގެ ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޕާކިސްތާނުގެ އަސްކަރީ މަނަވަރުތަކުން ފޯރުކޮށްދިން އެހީތެރިކަމާއި، 2015 ގައި ރައީސް ޢަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރެއްވި ޒިޔާރަތާއި 2017 ގައި ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ފާހަގަކޮށްލެވޭ ސިޔާސީ ބޮޅުތަކެކެވެ.
ދެ ޤައުމުގެ މި ގާތް ގުޅުމުގެ ދާއިމީ ހަނދާނެއްގެ ގޮތުގައި މިއަދުވެސް ފެންނަން ހުރި އެންމެ ބޮޑު އެއް ބިނާއަކީ، ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކޮށް 1998 ގައި ހުޅުވައިދިން، މިއަދުވެސް ދިވެހި ދަޢުލަތުގެ ޤާނޫނުހަދާ މަޖިލިސް ހިނގަމުންދާ ރައްޔިތުންގެ މަޖިލިސް ކުރާ ގެއެވެ. އަދި ދިވެހިންގެ ފަޚުރެއް ކަމުގައިވާ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ބިނާކުރުމުގައިވެސް ޕާކިސްތާނުގެ ދީލަތި އެހީތެރިކަން ލިބިފައިވެއެވެ.
ތަޢުލީމާއި ޞިއްޙީ ދާއިރާ: އިންސާނީ ވަޞީލަތުގެ ބިންގާ
ޕާކިސްތާނުން ދިވެހިރާއްޖެއަށް ވެދީފައިވާ އެންމެ އަގުހުރި އެހީތެރިކަމަކީ އިންސާނީ ވަޞީލަތް ބިނާކުރުމަށް ވެދިން އެހީތެރިކަމެވެ. "ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް" ގެ ދަށުން އެ ޤައުމުން ފަހިކޮށްދިން މެޑިކަލް އަދި ޑެންޓަލް ސްކޮލަރޝިޕްތަކަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ މައިބަދައެވެ. މިއަދު ދިވެހި ޞިއްޙީ ނިޒާމުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ގިނަ ޢަދަދެއްގެ ފުންނާބުއުސް ޑޮކްޓަރުންނަކީ ޕާކިސްތާނުގެ ޔުނިވަރސިޓީތަކުން ދަސްވެނިވެވަޑައިގެންފައިވާ ބޭފުޅުންނެވެ.
ހަމައެކަނި ޕާކިސްތާނަށް ދަރިވަރުން ގެންދިއުމުގެ އިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޑިކަލް ޑިގްރީއަށް ކިޔަވައިދޭން ފެށުމަށް 5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނީވެސް ޕާކިސްތާނުންނެވެ. އެ އެހީގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި "ސްކޫލް އޮފް މެޑިސިން" ޤާއިމުކުރެވި، މިއަދު އަމިއްލަ ފަސްގަނޑުގައި ތިބެގެން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ވަނީ ތަނަވަސްވެފައެވެ. މީގެއިތުރުން ހުޅުމާލޭގައި މެޑިކަލް ކޮލެޖަކާއި ޓީޗިންގ ހޮސްޕިޓަލެއް އެޅުމުގެ ވިސްނުމަކީވެސް މި އެއްބާރުލުމުގެ ބައެކެވެ.
ތަޢުލީމީ ދާއިރާގައި މުދައްރިސުން ތަމްރީނުކުރުމާއި، ސްޓޫޑެންޓް އެކްސްޗޭންޖު ޕްރޮގްރާމްތަކާއި، ދިވެހި ޚާރިޖިއްޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމުގައި ވެސް ޕާކިސްތާނުގެ ދައުރު ވަރަށް ބޮޑެވެ. ސްކޫލްތަކަށާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޓެކްނޮލޮޖީގެ އާލާތްތައް ފޯރުކޮށްދިނުމަކީވެސް އެ ޤައުމުން ދެމުން އަންނަ ހެޔޮ އެހީތެރިކަމެކެވެ.
ދީނީ ގުޅުމާއި ޝަރީޢާގެ ދާއިރާ
1990 ގެ އަހަރުތަކުން ފެށިގެން، ޕާކިސްތާނުގެ މަޝްހޫރު 'އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު' ފަދަ މަރުކަޒުތަކުން އިސްލާމީ ޝަރީޢާއާއި ދީނީ ޢިލްމު ޙާޞިލުކުރި ދިވެހި ދަރިވަރުންނަކީ މިއަދު ރާއްޖޭގެ ޝަރުޢީ ދާއިރާއާއި، ދީނީ ހޭލުންތެރިކަން އިސްނަގައި ބަލަހައްޓަވާ ޢިލްމުވެރިންނެވެ.
ޤައުމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގެ ފަނޑިޔާރުކަމުން ފެށިގެން ޤުރުއާން ހިފްޡުކުރުމުގެ އެކި މަޝްރޫޢުތަކަށް ޕާކިސްތާނުން ދެމުން އަންނަ އެއްބާރުލުމަކީ ދެ ޤައުމުގެ ދީނީ ގުޅުން ދައްކުވައިދޭ އަލިގަދަ ހެކިތަކެކެވެ.
އައު ޒަމާނަކަށް، އައު އުންމީދުތަކަކަށް
ރާއްޖެއާއި ޕާކިސްތާނުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރެން ދާދި ގާތްވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅާއެކު ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެއެވެ. ބައިނަލްއަޤްވާމީ މަސްރަޙުގައި އަބަދުވެސް އިސްލާމީ އުންމަތުގެ ޙައްޤުތަކާއި އެއްބައިވަންތަކަމަށް ވަކާލާތުކުރާ ޕާކިސްތާނަކީ ރާއްޖޭގެ މިނިވަންކަމާއި ތަރައްޤީގެ ދަތުރުގައި ދެގޮތެއްނުވެ ސާބިތުވެ އޮތް އެންމެ ވަފާތެރި އެއް ރަޙުމަތްތެރިޔާއެވެ. ރައީސްގެ މި ފުރަމާނަ ދަތުރުފުޅާއެކު، ކުރިއަށް އޮތް ޖީލުތަކަށް މި ތާރީޚީ ގުޅުން އިތުރަށް ބަދަހިވެ، ފޮނިމީރު ނަތީޖާތަކެއް ނެރެދޭނެކަމީ ޝައްކެއް އ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.