ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދެވަނަ މައި ތަނބަކީ އަދި ދިވެހީންގެ ލެޔާ ގުޅިފައިވާ އެންމެ ޒަމާންވީ ސިނާއަތަކީ މަސްވެރިކަމެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި މި ސިނާއަތް އޮތީ ބޮޑެތި ގޮންޖެހުންތަކަކާއި ހީނަރުކަމެއްގެ ތެރޭގައެވެ. މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބި އެތައް މަހެއް ވޭތުވެދިއުމާއި، މަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި އައިސް ލިބުމުގެ ދަތިކަމަކީ ކަނޑުފަޅުގެ ނަފާ ހޯދަން ނިކުންނަ މަސްވެރީންގެ ޒަމާންވީ ޝަކުވާއެވެ. އެހެންނަމަވެސް، ވޭތުވެދިޔަ 156 ހަފުތާ ނުވަތަ 3 އަހަރު ދުވަހުގެ ތެރޭގައި މިވަނީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި މިފްކޯގެ ހިންގުމަށް ތާރީޚީ، އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.

ދަރަނީގެ ބުރައިން ސަލާމަތްވެ، 48 ގަޑިއިރުގެ ތެރޭގައި ފައިސާ

ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާއަށްވުރެ ބޮޑު ބެކްލޮގެއް އޮތެވެ. މި ސަރުކާރު އައިސް، މަސްވެރިންނަށް ފައިސާ ދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ބޮޑުކުރުމެވެ. ނަމަވެސް ސަރުކާރުން އެންމެ އަވަސްވެގަތީ އެ ބެކްލޮގް ނުވަތަ މަސްވެރިންނަށް ދޭންހުރި ފައިސާ އަވަހަށް ޚަލާސްކުރުމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން މިއަދު މަސްވެރިންގެ އެންމެ ބޮޑު އުފަލަކީ 10 ޑިސެންބަރު 2024 އިން ފެށިގެން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ކިރުވާމަހަށް ފައިސާ ޖަމާކޮށްދޭން ފެށުމެވެ.

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، 17 ނޮވެންބަރު 2023 އިން ފެށިގެން މިހާތަނަށް މަސްވެރިންނަށް ޖުމްލަ 2.3 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެއިތުރުން، 10 ޖަނަވަރީ 2026 އިން ފެށިގެން މިފްކޯއިން ރަސްމީކޮށް ބޮޑުކަންނެލި ގަންނަން ފަށާފައިވާއިރު، ޖޫން 2026 އިން ފެށިގެން މިފްކޯއަށް މަސް ގަންނަ އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމުގައި ވަނީ ހަމަޖައްސާފައެވެ. މި ފިޔަވަޅުތަކާއެކު މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

އައިސް ލިބުމާއި ފިނިކުރާ ނިޒާމު

މަހުގެ ތާޒާކަން ދެމެހެއްޓުމަށްޓަކައި އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ދޯނިފަހަރުގައި ފިނިކުރާ ނިޒާމު ނުވަތަ އާރުއެސްޑަބްލިއު ޤާއިމުކުރުމަށް ސަރުކާރުން ހުޅުވާލި 37 މިލިއަން ރުފިޔާގެ ފުރުޞަތެވެ. މިހާތަނަށް 40 ދޯންޏެއްގައި މި ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ޖަލްސާގައި ރައީސް ފާހަގަކުރެއްވި ފަދައިން، ކ. ގާފަރު އަޒްހާން އަބްދުއްލަތީފް ފަދަ އެތައް ޒުވާން އޮޑިވެރިންނެއް މިއަދު ދަނީ މި ނިޒާމުގެ ހަގީގީ ލުއިފަސޭހަކަމާއި ފައިދާ ތަޖުރިބާކުރަމުންނެވެ.

މީގެއިތުރުން، މަސްވެރިންނަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ 875 ޓަނުގައި ހުރި ހުރުން ނިމުމަކަށް ގެނެސް، މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއެކު މި ޢަދަދު 1400 ޓަނަށް އިތުރުކުރުމުގެ އަމަލީ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

ކޯލްޑް ސްޓޯރޭޖް ފުޅާކުރުމާއި މިފްކޯގެ އުމްރާނީ ތަރައްޤީ

ޒަމާނުއްސުރެ މަސްވެރިންނަށް ކުރިމަތިވި މަސް ނުކިރުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބިނާއަކީ ޅ. ފެލިވަރުގައި މިހާރު ހުރި 750 ޓަނުގެ ޖާގަ، 4000 ޓަނުގެ ބިޔަ ކޯލްޑް ސްޓޯރޭޖަކަށް ބަދަލުކުރުމުގެ މަޝްރޫޢެވެ. މުޅި ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާއެކު، މިހާރު ހުރި 9500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 2028 ގެ ނިޔަލަށް 25000 ޓަނަށް ފުޅާވެގެންދާނެއެވެ.

އެއާއެކު، ދެކުނުގެ މަސްވެރިކަމުގެ މައި މަރުކަޒު ކަމުގައިވާ ސ. ހުޅުދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ 68.8 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، އެއްގަމުތޮށި ލުމާއެކު، ބޭރުގެ ބޮޑެތި ބޯޓުފަހަރަށް ފަސޭހައިން ކައިރިކޮށް، ފިނިކުރި މަސް ސީދާ އައްޑޫން ބޭރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މި ވަގުތު އައްޑޫ ސައިޓުގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ހިންގަމުން އެބަދެއެވެ.

މަސްވެރިޔާ ބޭންކިންގ ނިޒާމާ ގުޅުވައިލުން

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ދިވެހި މަސައްކަތްތެރިން ހަރަކާތްތެރިވާ ސިނާއަތަކީ މަސްވެރިކަމަށް ވީނަމަވެސް، ޒަމާނުއްސުރެ މި ސިނާއަތުގެ އަހުލުވެރިން ތިބީ ދައުލަތުގެ ރަސްމީ މާލީ ނިޒާމުން ބާކީވެފައެވެ. ދިވެހި ކަނޑުތަކުގައި ކަޅުބިލަމަހާއި، ބޮޑުކަންނެއްޔާއި އަދި ފާނައިގެ މަސްވެރިކަމުގައި ރަސްމީކޮށް ހަރަކާތްތެރިވާ 480 އެއްހާ އޮޑިފަހަރު އެބައޮތެވެ. ކޮންމެ ދޯންޏެއްގައި ގާތްގަނޑަކަށް 15 ދިވެހިން މަސައްކަތްކުރާ ކަމަށް ބަލާއިރު، މިއީ 7،200 އަށްވުރެ ގިނަ ދިވެހި މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކެވެ. ނަމަވެސް، ސަރުކާރުން އިސްނަގައިގެން އެކުލަވައިލި "މަސްވެރިންގެ ޤައުމީ ދަފުތަރު" ގެ ތެރެއަށް، މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ 95 އިންސައްތަ މިހާރު ވަނީ ވައްދައި ދައުލަތް ދަންނަ ބަޔަކަށް އެމީހުން ހަދާފައެވެ.

މި ގެނެވުނު އިންގިލާބީ ބަދަލާއެކު، ދޯންޏަކަށް އަރާ ކޮންމެ ފަޅުވެރިއަކީ ސްޓާފް އައިޑީއެއް އޮވެ، ސެލެރީ ކޯޑެއްގެ ދަށުން ރަސްމީކޮށް މުސާރަ ލިބޭ މުވައްޒަފަކަށް ބަދަލުވެގެން ދިޔައެވެ. މިއީ ނުރަސްމީ މަސައްކަތެއްގެ ގޮތުގައި އޮތް މަސްވެރިކަން، ޝަރަފުވެރި އަދި ރަސްމީ ވަޒީފާއަކަށް ބަދަލުވެގެން ދިޔަ ތާރީޚީ ފެށުމެކެވެ.

މި ކާމިޔާބީ އިތުރަށް ފުރިހަމަވެގެން ދިޔައީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުންނެވެ. ޤައުމީ ބޭންކުގެ އިޖުތިމާއީ އަދި ޤައުމީ ޒިންމާގެ ދަށުން، މަސްވެރިންނަކީ ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ ފުރުޞަތުތައް ފަހިވެފައިވާ ބަޔަކަށް މިވަނީ ހަދައިދީފައެވެ. އެގޮތުން މަސްވެރިންނަށް ލިބިގެންދާ މައިގަނޑު މަންފާތަކުގެ ތެރޭގައި:

  • ރަހުނަކާ ނުލައި ފައިނޭންސް ލިބުން: އެއްވެސް ރަހުނަކާ ނުލައި 300,000 (ތިންލައްކަ) ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ދޫކުރުން.

  • ބޯހިޔާވަހިކަމުގެ ލޯނުތައް: ގެދޮރު ގަތުމަށާއި، އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ޚާއްޞަ ލުއިތަކަކާއެކު ލޯނު ލިބޭނެ މަގު ތަނަވަސްވުން.

  • ޒަމާނީ ބޭންކިންގ ޚިދުމަތްތައް: ކްރެޑިޓް ކާޑުގެ ޚިދުމަތާއި އަމިއްލަ އެކި ބޭނުންތަކަށް ބޭނުންވާ ޕާސަނަލް ފައިނޭންސިންގގެ ދޮރުތައް ހުޅުވިގެންދިޔުން.

މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ޤަވާއިދުން ފައިސާ ޖަމާވަމުންދާ މި ދަނޑިވަޅުގައި، ބޭންކިންގ ނިޒާމުގެ ތެރެއިން މިފަދަ ބޮޑެތި މާލީ ލުއިތަކެއް މަސްވެރިންނަށް ތަނަވަސްވެގެން ދިއުމަކީ އެމީހުންގެ ދިރިއުޅުމުގެ ފެންވަރު އުފުލި، މި ފަންސާހުގައި ޒުވާނުން ބައިވެރިވުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ. މިއީ ދިވެހި މަސްވެރިޔާއަށް ޙައްޤުވާ ޤަދަރާއި އިއްޒަތް ދައުލަތުގެ އެންމެ މަތީ ފަންތިން ކަށަވަރުކޮށްދިން ފުރިހަމަ ބަދަލެކެވެ.

އެހެންކަމުން ވޭތުވެދިޔަ 156 ހަފުތާއަކީ ދިވެހި ކަނޑުތަކުގެ ޙައްޤުވެރިން ކަމުގައިވާ މަސްވެރިންގެ އިތުބާރު ސަރުކާރަށާއި މިފްކޯއަށް އަލުން ހޯދައިދިން ދުވަސްތަކެކެވެ. ބޮޑެތި ދަރަނިތައް ޚަލާޞްކޮށް، 48 ގަޑިއިރުން ފައިސާ ދިނުމާއި، އައިސްޕްލާންޓުތަކާއި ކޯލްޑް ސްޓޯރޭޖްތައް އެތައް ގުނައަކަށް އިތުރުކުރުމުގެ މަޝްރޫޢުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް ޒަމާނީ އިންގިލާބެއް ގެނެސްދިން ކަންކަމެވެ. މި ހަރުދަނާ ފިޔަވަޅުތަކާއެކު، ދިވެހި މަސްވެރިކަން މިއަދު މިސްރާބު ޖަހާފައިވަނީ ފަންނީ، އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ފާގަތި މުސްތަޤުބަލަކަށެވެ.