ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައިނުވާތީ އިލެކްޝަން ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މިކަމާ ގުޅިގެން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2026 އޮކްޓޫބަރު 05 ގައި ހުށަހެޅިއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީއިން ކޮށްފައިވާ އެންމެހައި ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 41 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކުރާ އެންމެހައި ހަރަދުތައް ތަފްސީލާއެކު ބެލެހެއްޓުން ލާޒިމުކޮށްފައިވެއެވެ. އެހެންނަމަވެސް، އެ އަދާލަތު ޕާޓީގެ އޮޑިޓް ރިޕޯޓު އޮޑިޓް ކޮށްފައިވާ ފަރާތުން، 2024 ވަނަ އަހަރު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައިނުވުމުގެ ސަބަބުން އެކަންކަން ކަށަވަރުނުކުރެވޭކަމަށް ފާހަގަކޮށްފައިވާކަމަށް ކޮމިޝަނުން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ، ކޮންމެ އަހަރެއްގެވެސް ފުރަތަމަ ތިން މަސްތެރޭ އެ ޕާޓީއެއްގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓު އީސީއަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ޖޫރިމަނާގެ ފައިސާ ދައްކަން ދީފައިވާ މުއްދަތުގައި ނުދައްކައިފިނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށާއި އަދި ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާ ބަޖެޓުން ފައިސާ ދޫކުރާ އިރު، ފައިސާ ދޫކުރާނީ ޖޫރިމާނާގެ އަދަދު ކެނޑުމަށްފަހު ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.