ސަރުކާރުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ ބޭނުންވާ ވަރަށްތޯ ބަލައި މުވައްޒަފުން ދެނެގަތުމަށްޓަކައި އަންނަ އަހަރު އެޗްއާރު އޮޑިޓެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާކަން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްޓަކައި އަންނަ އަހަރު އައު މަގާމުތައް ނުއުފެއްދުމަށާއި ކޮންމެހެން ބޭނުންވާ މަގާމުތަކަށް ނޫނީ މުވައްޒަފުން ނުނަގަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަން ގުޅިގެން މި އޮޑިޓް ކުރުމަށް ވިސްނަވާފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އޮޑިޓުގެ މައިގަނޑު މަގުސަދަކީ ބޭނުންވާ ވަރަށް މުއައްސަސާތަކަށް މީހުން ހަމަޖެއްސުމާއި، އިތުރަށް މުވައްޒަފުން ތިބި ނަމަ ބޭނުންވާ ދާއިރާތަކަށް ބަދަލުކުރުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސަރުކާރު މުވައްޒަފުންގެ މުސާރައަށް އަންނަ އަހަރު 7.91 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން މުވައްޒަފުންގެ އިނާޔަތްތަކަށް 6.51 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އަންނަ އަހަރު ޖުމްލަ 14.4 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މިއީ މި އަހަރު ސަރުކާރު މުވައްޒަފުންނަށް ޚަރަދުކުރި އަދަދަށްވުރެ 492.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ ކަމަށް ރައީސް މިދިޔަ މަހު ފަހުކޮޅު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި އާބާދީގެ ނިސްބަތުން ސަރުކާރު މުވައްޒަފުން އިތުރުވުމުގެ ކަންބޮޑުވުން އަބަދުވެސް އޮންނައިރު، ސިޔާސީ ބޭނުމަށް ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނަގާ ކަމުގެ ތުހުމަތުތައް ކުރެވެއެވެ.
މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ސިވިލް ސާވިސްގައި 30,127 މުވައްޒަފުން މަސައްކަތް ކުރެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 41,000އަށް ވުރެ އިތުރު މުވައްޒަފުން ތިބި ކަމަށް ފިނޭންސް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު 700އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެ އަދަދު އިތުރުވެފައިވާތީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ވަނީ އަންގައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.