މި ހިނގާ އަހަރުގެ ބާކީ އޮތް ދެ މަސްދުވަހުގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށްޓަކައި 1.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައްޔިތުންނާ ގުޅިފައިވާ އަސާސީ ޚިދުމަތްތަކުގެ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމުން ކަމަށެވެ. އަދި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް އެ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތައް ޙިއްޞާކުރައްވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަޝްރޫޢުތަކަށް ވަނީ 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އަހަރު ނިމޭއިރު މި ޚަރަދު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް ދެ މަހުގައި އިތުރު 1.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެކުލަވައިލުމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މިހާރު ފެށިފައިވާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ނިންމުމަށެވެ. އެގޮތުން އަންނަ އަހަރުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ 9.9 ބިލިއަން ރުފިޔާގެ ތެރެއިން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް އެކަނިވެސް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މި ހިނގާ އަހަރުގެ ޕީއެސްއައިޕީއަށް ފުރަތަމަ 8.3 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު މިހާރު އެ އަދަދު ވަނީ 6.5 ބިލިއަން ރުފިޔާއަށް މުރާޖަޢާކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ 70 އިންސައްތަ އަންނަ އަހަރު ނިމުމުގެ ކުރިން އެއްކޮށް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ އަވަހަށް ހޯދައިދިނުމެވެ.