އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަަކަށް ކަނޑައަޅާފައިވާ އަދަދު މަދު ކަމަށް ބައެއް މުއައްސަސާތަކުން ބުނި ނަމަވެސް، ކޮންމެހެން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ނުހުއްޓޭނެ ފަދަ ބަޖެޓެއް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ހަސަން ޒަރީރު) މިއަދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް ބަޖެޓް ކަނޑައަޅަނީ އެ ތަންތަނުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އަދި ބަޖެޓުގައި ކޮންޓިންޖެންސީގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވަނީ ވެސް، އަހަރުގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ އެކަންކަމަށް ފައިސާ ހަމަޖައްސައިދިނުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު އެ ހުރިހާ މުއައްސަސާތަކަށް ވެސް އެޝުއަރެންސް (ޔަގީންކަން) ދޭން ބޭނުންވަނީ އެ ބޭފުޅުންގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް އަދި ކޮންމެހެން ބޭނުންވާ ކަންކަން ހަމަޖެހިގެންދާނެ ކަމަށް،" މިނިސްޓަރު ކޮމިޓީގައި ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާޒިރުކުރުމުން، ކަނޑައަޅާފައިވާ ފައިސާ މަދުކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންނެވެ.
ވަކިން ހާއްސަކޮށް، އީސީން ކޮމިޓީގައި ބުނެފައިވަނީ އަންނަ އަހަރަށް އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓުން އޮފީސް "ހުޅުވައި ލެއްޕުން" ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެދި ހުށަހެޅި އަދަދުތައް ވެސް ބަޖެޓުން އުނިކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
ނަމަވެސް، ފިނޭންސް މިނިސްޓަރު ވަނީ ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ގާނޫނީ ގޮތުން މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތަކަށް ބުރޫނާރާނެހެން ފައިސާގެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެ، މުއައްސަސާތަކުގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.