އަތޮޅުތަކުގައި ދެމުންގެންދާ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، މި ދައުރުގެ ތެރޭގައި މިހާތަނަށް 22 ރަށެއްގައި އަލަށް ލެބޯޓަރީގެ ހިދުމަތް ގާއިމުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ލެބޯޓަރީގެ ހިދުމަތް ނެތް 76 ސިއްހީ މަރުކަޒެއްގައި، ފަރުވާދޭ ސިއްހީ މަރުކަޒާ ކައިރިން ޓެސްޓް ހަދައިދޭ އުސޫލުން މުހިންމު 13 ޓެސްޓެއް ހެދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ.

މީގެއިތުރުން، ޓެސްޓު ހެދުމަށް ބޭނުންވާ ރީ-އޭޖެންޓްސް ހުސްވުން ނުވަތަ އެނޫންވެސް ދަތި ދަނޑިވަޅުތަކުގައި ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި، ކައިރި ރަށްރަށުގެ ލެބޯޓަރީތަކަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުތައް ހެދޭނެ އިންތިޒާމުވެސް ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ.

އިޝްތިހާރު އިޝްތިހާރު

ރަށްރަށުގައި ލެބޯޓަރީގެ ހިދުމަތް ނެތުމުގެ ސަބަބުން، އަސާސީ ޓެސްޓުތައް ހެދުމަށް ވެސް ރައްޔިތުންނަށް ޖެހެނީ ރަށުން ބޭރަށް ނުވަތަ މާލެއަށް ދަތުރުކުރާށެވެ. މި ތަކުލީފަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަމާޒު ހިފާފައިވަނީ ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ ރަށުން މި ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.

ހުރިހާ ރަށެއްގައި ލެބޯޓަރީ ގާއިމުކުރުމުގެ މި މަޝްރޫއު ފުރިހަމަވުމުން، ކުރިއާލައި ބަލިތައް ދެނެގަނެވި، ހާލަތު ގޯސްވުމުގެ ކުރިން ފަރުވާ ފެށުމަށް މަގުފަހިވެގެންދާނެއެވެ. އަދި ބަލިތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށްވެސް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ހިދުމަތް ފުޅާކުރުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި، ހިދުމަތް ނެތް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.