ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެމުން އަންނަ ސިއްހީ ހިދުމަތްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އަތޮޅުތެރޭގެ ތިން ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސިއްހަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލް މަތީ ފެންވަރަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް އަޅާ އިމާރާތްތަކުގެ ކުރެހުންތަކާއި ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މި ވަގުތު ކުރިއަށްދަނީ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަރުހަލާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މި ތިން ތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޑިޒައިން މަސައްކަތްތައް މިހާރު ހިނގަމުންދާއިރު، އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި ސައުދީ ފަންޑުގެ އެހީގައި ތަރައްގީކުރާ ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ވެސް 2027 ވަނަ އަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.
މި މަޝްރޫއުތައް ނިމުމުން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ވެރިރަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް ވަރަށް ބޮޑަށް މަދުވެ، އަމިއްލަ ރަށާ ކައިރިން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.