ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ފަސް ރީޖަނަލް ހޮސްޕިޓަލެއްގެ ފެންވަރު މަތިކޮށް، ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ތިން ހޮސްޕިޓަލެއްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް އަމާޒު ހިފާފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް ފަށާފައިވާ މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ވިދާޅުވީ، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް އިތުރުކުރާ ޢިމާރާތްތަކުގެ ޑިޒައިން މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ތިން ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށްޓަކައި، ބޭނުންވާ ތަކެތި ހޯދުމުގެ ޕްރޮކިއުމަންޓް މަރުޙަލާގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމަށް ބޭނުންވާ ޑިޒައިން ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ތާވަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ އެހީތެރިކަމާއެކު ތަރައްޤީކުރާ ޏ. ފުވައްމުލަކު ހޮސްޕިޓަލްގެ އައު އިމާރާތުގެ ޑިޒައިން ކޮންސަލްޓެންސީ ފާމެއް ކަނޑައެޅުމުގެ އެންމެ ފަހުގެ މަރުޙަލާ ކުރިއަށްދާ ކަމަށާއި، އެތަނުގެ ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މި މަޝްރޫޢުތައް ނިމުމުން، ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމަށް ރައްޔިތުން މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އަމިއްލަ ރަށާއި ކައިރިން، ފެންވަރު ރަނގަޅު ޓާޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ޤަބޫލުކުރެއެވެ.