ދައުލަތުން މިއަހަރު އަދާކުރަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށްޓަކައި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން 350 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ 'އަހާ' ފޯރަމުގެ 10 ވަނަ ޕްރޮގްރާމުގައި، ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން މިއަހަރާ ކުރިމަތިލީ ތާރީޚުގައިވެސް އެއްފަހަރާ އަދާކުރަންޖެހޭ އެންމެ ބޮޑެތި މާލީ ޒިންމާތަކަކާ އެކުގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިރުޝާދުގެ ދަށުން، އެ ދަރަނިތައް ދެއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އަހަރުގެ ދެވަނަ ކުއާޓަރަށް އެޅުނުއިރު ދުނިޔޭގެ ބާޒާރަށާއި ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ބަދަލުތަކާ ގުޅިގެން މަނިޓަރީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ބޭރު ފައިސާއިން ލިބޭ ޓެކްސް އާމްދަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކޮށް، ދަރަނި އަދާކުރުމަށް އެ ފަންޑު ޚާއްޞަކުރުމަކީ ބޮޑެތި ދަރަނިތައް ޚަލާސްކުރުމަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ އެޕްރީލް މަހާ ހަމައަށް އައިއިރު މި ފަންޑަށް ރެކޯޑު މިންވަރަކަށް ފައިސާ ޖަމާކުރެވުނު. އެއީ ދަރަނި ދެއްކުމަށް ވީ ތައްޔާރީތަކުގެ ދަށުން އެޅުނު ފިޔަވަޅެއް. ހަމައެއާއެކު، ދައުލަތުގެ ރިޒާވް ވަރުގަދަކުރުމަށް އެކަށައެޅި ސިޔާސަތުތަކުގެ ސަބަބުން، މާރިޗު މަހާ ހަމައަށް އައިއިރު ރިޒާވްވެސް ވަނީ ރެކޯޑު މިންވަރަކަށް މައްޗަށް ޖެހިލާފައި.

ވަޒީރު ވިދާޅުވިއެވެ.

މިއަހަރު ދައްކަންޖެހުނު އެންމެ ބޮޑު ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް އެސްޑީއެފްގެ އިތުރުން ދައުލަތުގެ ރަސްމީ ރިޒާވުން 175 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މީގެއިތުރުން، އެކި ދުވަސްވަރު މަތިން ނަގާފައިވާ ދަރަނިތަކުގެ ތެރެއިން މިއަހަރަށް މުއްދަތު ހަމަވި ދަރަނިތައް އަދާކުރުމަށް މިހާތަނަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސޮއިކުރެއްވި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް ހިމެނެއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ކުއްލި ހާލަތްތަކުގައާއި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދީ ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ، މަރުކަޒީ ބޭންކުގެ ރިޒާވާއި ވަކިން ބަލަހައްޓަމުން އަންނަ ޚާއްޞަ ފަންޑެކެވެ.