ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 1273 މަޝްރޫއު ކުރިއަށްދާ ކަމަށާ އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މިރޭ އޮތް "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 1273 މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އަދި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ވަޒީރު ވަނީ މަޝްރޫއުތަކަށް މަޑުޖެހުމެއް އައި ސަބަބުވެސް ސާފުކޮށް ދެއްވާފަ އެވެ. ވިދާޅުވީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ތަކެތި ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ވީހާވެސް އަވަހަކަށް ގެނެވޭނެ ގޮތްތަކެއް ހަމަޖެެއްސުމަށް ކަމުގައި ވިދާޅުވި އެވެ.

އިޝްތިހާރު އިޝްތިހާރު

ވަޒީރު ވަނީ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި އަމާޒަކީ ހުރިހާ މަޝްރޫޢުއަކަށް ބޭނުންވާ ތަކެތިވެސް ލިބި ހަލުވިކޮށް މަޝްރޫޢުތައް ނިންމުން ކަމުގައި ވިދާޅުވި އެވެ.

"ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް ޕްރިއޮރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މި ކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" ވަޒީރު ވިދާޅުވި އެވެ.