މިއަހަރުވެސް އިތުރު ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ދައުލަތުގެ ބަޖެޓުގެ ތެރެއިން ހުރިހާ ޚަރަދެއް ހަމަޖެއްސެވުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްގެންދިޔަ 'އަހާ' ފޯރަމުގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުޑަކޮށް ހިފެހެއްޓުމަށްޓަކައި މުހިންމު ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކެއް އެކަށައަޅައި ތަންފީޒުކުރަމުންދާ ކަމަށެވެ. އަދި ބޭރުގެ ދަރަނިތައް ދެއްކުމުގައި މި ސަރުކާރުން މިހާތަނަށް ރެކޯޑު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2013 އިން 2018 އަށް ދަރަނީގެ ގޮތުގައި ދައްކާފައިވަނީ ގާތްގަނޑަކަށް 415 މިލިއަން ޑޮލަރު ކަމަށާއި، 2018 އިން 2023 އަށް ދައްކާފައިވަނީ 948 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ބޭރުގެ ލޯނުތައް އަނބުރާ ދެއްކުމަށް 1.42 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ވަޒީރު އިތުރަށް ވިދާޅުވީ، ދަރަނިތައް ދެއްކުމުގެ އިތުރުން ފިސްކަލް ނިޒާމު ހަރުދަނާކޮށް އަހަރުން އަހަރަށް ޑެފިސިޓް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވެ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއަށް މާލީ އެހީތެރިކަން ދިނުމުގައި އިތުބާރު ބޮޑުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމާއި، ބައެއް ކުންފުނިތައް އެއްކޮށްލުން ހިމެނެއެވެ. އެގޮތުން، ޚަރަދު ކުޑަކޮށް ހިންގުން ހަރުދަނާކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ސްޓެލްކޯގެ ދަށަށް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން ނިންމަވާފައެވެ.