ސްރީލަންކާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 5 މިލިއަން ރުޕީސްއަށް ވުރެ އަގުހުރި ޒަރޫރީ ބޭސް ފޯރުކޮށްދީފިއެވެ.
އެއީ ރާއްޖެ ރުފިޔާއިން ބަލާނަމަ 233,162 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.
މި އެހީ ހަދިޔާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެހީއަކީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ އެދުމަކަށް ލަންކާ ސަރުކާރުން ދިން އެހީއެކެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސަ ވަނީ މި ބޭސް ޝިޕްމަންޓްތައް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު ޢިމާދާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ސްރީލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަން އަދި ޗެމްބަރ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީ އޮފް ސްރީލަންކާގެ ފަރާތުން އެއްބާރުލުން ފޯރުކޮށްދީފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު މަސްޢޫދު ޢިމާދު ވަނީ، ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަގެ ޒައާމަތުގައި ސްރީލަންކާ ސަރުކާރުން ވެދެއްވި މި ދީލަތި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ބަދަހި ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއްކަން ވެސް ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
ބޭސް ހަވާލުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ އިސް ވެރިންނާއި، އެ ގައުމުގެ ފާމަސޫޓިކަލް ދާއިރާގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅު ކުރެއްވީ، ލަންކާގެ ރައީސް ދިސާނަޔަކަގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގެ ތެރެއިން ކޮޅުނބުގައި ބޭއްވި ރަސްމީ މަޝްވަރާތަކުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.