ސްރީލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާ ބަޑިޖަހައި މަރާލި މައްސަލައިގައި ހިމެނޭ މީހަކު ދިވެހިރާއްޖޭން ހައްޔަރުކޮށް އެ ގައުމަށް ފޮނުވާލައިފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައި ހިނގި މި ހާދިސާގައި، ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާގެ ގަޔަށް ވަނީ ބަޑިޖަހައި މަރާލައިފައެވެ. މިއީ ލަންކާގައި ފަހަކަށް އައިސް ހިނގި އެންމެ ނުރައްކާތެރި އެއް މަރުގެ މައްސަލައެވެ.
ލަންކާގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭން ފޮނުވާލި މީހާއަކީ މި ހާދިސާގައި އަމަލީގޮތުން ބައިވެރިވި މީހެކެވެ. އޭނާއަކީ އެ ދެމަފިރިންގެ ގަޔަށް ބަޑި ޖެހި މީހުން ތިބި އުޅަނދު ދުއްވަން އިން މީހާ ކަމަށް މައުލޫމާތު ލިބެއެވެ. މި މީހާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ދިވެހިރާއްޖޭން އޭނާ ލަންކާއަށް ފޮނުވާލީ ދާދި ފަހުންނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ތުހުމަތުކުރެވޭ މީހާ ލަންކާއަށް ގެންދިއުމަށްފަހު، އެ މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، މި މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާއަށް ވަނީ 90 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.









ކިޔުންތެރިންގެ ހިޔާލު