ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްރީލަންކާއާއި އެކު ކުރެވުނު މަޝްވަރާ މިއީ ކުރިމަގަށް އަމާޒުކޮށްގެން ފެށުނު އާ ބައިވެރިވުމެއް: ރައީސް

STO_Ads
TTH_Ads
Advertisement

ސްރީލަންކާއާއި އެކު ކުރެވުނު މަޝްވަރާ މިއީ ކުރިމަގަށް އަމާޒުކޮށްގެން ފެށުނު އާ ބައިވެރިވުމެއް ކަމަށާއި ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު އެކި ދާއިރާތަކުން ކުރެއްވި އުފެއްދުންތެރި މަޝްވަރާތަކުގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑު ހިތްވަރަކާއި ޔަގީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެ މަނިކުފާނު މި މަހުގެ 3 ވަނަ ދުވަހު ލަންކާއަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލައްވައި، ލައްކާއިން ފުރާވަޑައިގަންނަވަމުން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ވަޒީރުންނާއި އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތެވެ. ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަންނަވަމުން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި، ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި، އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހުމާންދާރީއަށް ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ.

HajjCop_ads
Advertisement

“ކާމިޔާބު ފުރަމާނަ ދަތުރެއް ނިންމާލުމަށްފަހު ސްރީލަންކާއިން މި ފުރަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް އަދި ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ އާ އަޒުމަކާއެކު” ރައީސް ވިދާޅުވިއެވެ. މިއީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ސްރީލަންކާގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާއެކު އެކި ދާއިރާތަކުން ކުރެއްވި އުފެއްދުންތެރި މަޝްވަރާތަކުގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑު ހިތްވަރަކާއި ޔަގީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ފާގަތިކަމަށްޓަކައި، އަޅުގަނޑުމެން ވެފައިވާ ވައުދުތައް މާނަހުރި ނަތީޖާތަކަކަށް ބަދަލުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑު އުންމީދުކުރަމެވެ” ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ ވަނީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްވެސް ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމާއި، ސިއްހީ ދާއިރާއާއި ތައުލީމާއި މަސައްކަތްތެރިކަމުގެ ތަމްރީނު ދިނުމުގެ އިތުރުން އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ ދައުރާއި ސްރީލަންކާގެ ތަރައްގީގައި ދިވެހިން އަދާކުރާ ދައުރު ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު 7 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި، ތައުލީމާއި މަތީ ތައުލީމާއި ސިއްހަތާއި، ކުޅިވަރާއި ޒުވާނުންގެ ތަރައްގީގެ އިތުރުން ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ޖެނެރަލް ސަރ ޖޯން ކޮތަލާވަލަ ޑިފެންސް ޔުނިވަސިޓީއާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ ދެމެދު ވެވުނު އެއްބަސްވުމާއި ކޮލަމްބޯ ޔުނިވަސިޓީއާއި ރާއްޖޭގެ ސިއްހީ ދާއިރާއާ ދެމެދު ވެވުނު އެއްބަސްވުން ހިމެނެއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ބޭނުމަކީ އަވަށްޓެރި ދެ ގައުމުގެ ގުޅުން އާލާކުރުން އެކަނި ނޫން ކަމަށާއި، މިއީ ކުރިމަގަށް އަމާޒުކޮށްގެން ފެށުނު އާ ބައިވެރިވުމެއް ކަމަށެވެ. ހާއްސަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ސްރީލަންކާގައި ހުޅުވުމާ ގުޅޭގޮތުންވެސް މި ދަތުރުފުޅުގައި ވަނީ މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ސްރީލަންކާގެ މާކެޓަށް ނެރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ފަރަގު ކުޑަކޮށް، ހަމަހަމަ އަދި ދެފަރާތަށްވެސް ފައިދާހުރި އިގްތިސޯދީ ގުޅުމެއް ގާއިމުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1965 ގައެވެ. މިއަހަރަކީ ދެ ގައުމުގެ ޚާރިޖީ ގުޅުމަށް 61 އަހަރު ފުރޭ އަހަރެވެ. ސްރީލަންކާއަކީ ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާއަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމަކަށްވާއިރު، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެއްވެސްމެއެވެ. މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ޖުލައި މަހު ސްރީލަންކާގެ ރައީސް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ދަތުރުފުޅުގައި ސްރީލަންކާ ސަރުކާރުން ވަނީ ކޮލަމްބޯއިން ދިވެހިރާއްޖޭގެ ހައިކޮމިޝަން އިމާރާތްކުރުމަށް ބިމެއް ހަމަޖައްސަވައިދެއްވައިފައެވެ. އަދި އޭގެ ބަދަލުގައި ދިވެހި ސަރުކާރުން ވަނީ މާލެއިން ސްރީލަންކާގެ ހައިކޮމިޝަނަށް ބިމެއް ހަމަޖައްސައިދީފައެވެ.

MWSC_ads
Avid_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 05 06

ލަންކާ ވިސާގެ މައްސަލަތަކާއި ދިވެހިންނަށް ދިމާވާ މުހިންމު ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނެ: ރައީސް

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ލަންކާގައި މިފްކޯގެ އުފެއްދުންތައް ތައާރަފްކޮށްފި

ކޮޅުނބުގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް މެޑަމް ސާޖިދާ ޒިޔާރަތް ކުރައްވައިފި