އެމެރިކާއިން އީރާނުގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާ ދީފިނަމަ ރައްދިނުމުގެ ވަރުގަދަ ޕްލޭނަކަށް ތައްޔާރުވެފައިވާ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ހާމަކޮށްފިއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުގެ އިސް އޮފިޝަލަކާ ހަވާލާދީ ތަސްނިމް ނިއުސް އޭޖެންސީން ބުނެފައިވަނީ، އީރާނުގެ އިންފްރާސްޓްރަކްޗަރއަށް އެމެރިކާއިން އައު ހަމަލާތަކެއް ދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް ކަމަށެވެ.
އެމެރިކާގެ މީޑިއާ ވަސީލަތްތަކުން ބުނަނީ، އީރާނާ ދެކޮޅަށް އައު ހަމަލާތަކެއް މި ހަފްތާ ބަންދުގައި ފެށުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރިއްޔާއަށް މިހާރު އަމުރު ކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން ފަށަންއުޅޭ އައު ހަމަލާތަކުގައި އެމެރިކާ ސިފައިންގެ އިތުރުން، އިސްތިއުމާރީ އިސްރާއީލު ސިފައިންވެސް ބައިވެރިވާނޭ ކަމަށް ބުނެފައި ވެއެވެ.
އެމީހުން ހަމަލާ ދޭން އުޅެނީ އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރއަށާއި، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ކަމަށްވެސް އެމެރިކާގެ މީޑިއާއިން ބުނެއެވެ.
މީގެ ބޭނުމަކީ އީރާނަށް ޕްރެޝަރކޮށް، ވާހަކަތަކުގެ މޭޒުދޮށަށް ގެނައުމާއި، ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލަން އީރާނަށް މަޖުބޫރުކުރުމާއި އަދި ހޮރްމޫޒު ކަނޑުއޮޅި ހުޅުވުން ކަމަށްވެސް، އެމެރިކާގެ މީޑިއާ ވަސީލަތްތަކުން ބުނެއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން އިންޒާރު ކޮށްފައިވަނީ، ދުޝްމަނުންނަށް ވަރުގަދަ ރައްދުތަކެއް ދިނުމަށް އީރާނުގެ ލަޝްކަރުތަކުން ޕްލޭނެއް އެކަށައަޅާފައިވާ ކަމަށާއި، އެ ޕްލޭންގެ ދަށުން ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ހަކަތައިގެ އެއްވެސް ތަނެއް އަދި އިސްތިއުމާރީ އިސްރާއީލުގެ ނާޒުކު އެއްވެސް އިންފްރާސްޓްރަކްޗަރއެއް ސަލާމަތް ނުވާނޭ ކަމަށެވެ.
އީރާނުންވަނީ ރައްދު ހަމަލާތައް ދޭނޭ ތަންތަނުގެ ލިސްޓެއްވެސް އާންމުކޮށްފައެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހައްމަދު ބާގިރު ޒުލްގަދްރް ވިދާޅުވީ، އީރާނުގެ ރައްދު ހަމަލާތައް މިފަހަރު އަންނާނީ ފުރިހަމަ ބާރުގައި ކަމަށާއި، އީރާނުގެ ލިސްޓުގައި ހުރި ތަންތަނަކީ އީރާނުގެ މިސައިލްތައް ފޯރާ ހިސާބުގައި ހުރި ތަންތަން ކަމަށެވެ.
އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެމެރިކާގެ މަސްލަހަތު އޮންނަ ހަކަތައިގެ ތަންތަނުގެ އިތުރުން، ޚާއްސަގޮތެއްގައި އިސްރާއީލުގެ ލެވަތަން އަދި ޓަމަރް ގޭސް ދަނޑުތައް މުހައްމަދު ބާގިރު ޒުލްގަދްރް ފާހަގަ ކުރެއްވިއެވެ.
ހަމަ އެއާއެކު، އެމެރިކާއިން އީރާނާ ދެކޮޅަށް އައު އުދުވާނުތަކެއް ފަށައިފިނަމަ ހޮރްމޫޒު ކަނޑުއޮޅި މުޅިން ބަންދުކޮށްލާނޭ ކަމަށްވެސް އީރާނުގެ އިންގިލާބީ ލަޝްކަރުން އިންޒާރު ކޮށްފައި ވެއެވެ.









ކިޔުންތެރިންގެ ހިޔާލު