ހޮރްމޫޒު ކަނޑުއޮޅި ކުރީގަ އޮތް ހާލަތަށް ރުޖޫއަކޮށްފައިވާ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން އިއުލާން ކޮށްފިއެވެ.

އެ ހާލަތަކީ، ހަމަލާތައް ހުއްޓާލަން ވެވުނު ވަގުތީ އެއްބަސްވުމުގެ ކުރިން އޮތް ހާލަތު ކަމަށް، އައިއާރްޖީސީ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުރިހާ ވިޔަފާރި އުޅަނދުފަހަރަށް އިއްޔެ އެއްކޮށް ހުޅުވާލީ ލުބުނާނަށް ދެމުންގެންދިޔަ އުދުވާނީ ހަމަލާތައް މެދުކަނޑާލަން ލުބުނާނާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަށް އިއްޔެރޭ އަމަލުކުރަން ފެށުމާ ގުޅިގެންނެވެ. ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަކީ އެމެރިކާއާއެކު ވާހަކަ ދައްކަން އީރާނުން ކުރިމަތިކޮށްފައިވާ ޝަރުތެކެވެ.

އިޝްތިހާރު އިޝްތިހާރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ކުރިން އޮތްގޮތަށް އަލުން ބަންދުކުރީ، ވިޔަފާރި އުޅަނދުފަހަރަށް ހޮރްމޫޒު އަލުން ހުޅުވާލި ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އީރާނުގެ ބަނދަރުތަކުން ފުރައިގެންދާ ތެޔޮ ޓޭންކަރުތަކާއި، މުދާ އުފުލާ އާގުބޯޓުފަހަރަށް ހުރަސްއެޅުން ހުއްޓާނުލާނޭ ކަމަށް އެމެރިކާގެ ރައީސް ބުނުމާއި އަދި އެމެރިކާ ސިފައިން ހުރަސްއެޅުން ހުއްޓާނުލުމުންނެވެ.

އައިއާރްޖީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ކުރިން ހޮރްމޫޒު އޮތްގޮތަށް އެ ކަނޑުއޮޅި މިހާރު އޮތީ އައިއާރުޖީސީގެ ހަރުކަށި ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އެމެރިކާއިން ބްލޮކޭޑް އުވާލާންދެން އެގޮތުގައި އޮންނާނެ ކަމަށެވެ.

ހޮރްމޫޒު އަލުން ބަންދުކުރިކަން އީރާނު ސަރުކާރުގެ މީޑިއާ ވަސީލަތްތަކުންވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ހޮރްމޫޒު ކުރިން އޮތް ހާލަތަށް ގެނައި ނަމަވެސް، އީރާނުން ދުޝްމަނުންގެ ގޮތުގައި ބަލާ ގައުމުތަކުގެ އުޅަނދުފަހަރު ނޫން އެހެން ގައުމުތަކުގެ އުޅަނދުފަހަރު މިހާރުވެސް ކޮންމެވެސް ވަރަކަށް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރަމުންދާ ކަމަށާއި، އެ އުޅަނދުފަހަރު އީރާނުން ނުހުއްޓުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.