ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދުގައި އުދުހުނު އެމެރިކާގެ އަސްކަރީ ޑްރޯންއަކަށް އީރާނުން ހަމަލާދީ ވައްޓާލައިފިއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިން ބުނެފައިވަނީ، ހަމަލާދީ ވައްޓާލާފައިވަނީ އެމްކިޔޫ-1 ގެ އަސްކަރީ ޑްރޯންއެއް ކަމަށާއި، ޑްރޯންއަށް ހަމަލާދިނީ ހޮރްމޫޒު ސަރަހައްދުގެ ޤޭޝްމް އައިލެންޑް ކައިރިން އުދުހެމުން ދަނިކޮށް ކަމަށެވެ.
ޑްރޯން ވައްޓާލީ އީރާނު ސިފައިން އަލަށް ބޭނުންކުރަން ފެށި އެއަރ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ކަމަށްވެސް ބުނެފައި ވެއެވެ.
ވައްޓާލި ޑްރޯންގެ ހަލާކުވެފައިވާ ބައިތައް ފެންނަ ވީޑިއޯއާއި ފޮޓޯތައް އީރާނު އަސްކަރިއްޔާއިން އާންމުކޮށްފައި ވެއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
އީރާނު އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ، ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދަށް ވަދެއުޅެނިކޮށް އީރާނު ސިފައިން ހަމަލާދީ މިފަހުން ވައްޓާލި 17 ވަނަ ޑްރޯން ކަމަށެވެ.
އެމެރިކާ ސިފައިންގެ މި ފަދަ ޑްރޯންތައް އީރާނު ސަރަހައްދުގެ ތެރެއަށް ވަންނަނީ، ހަމަލާދޭނޭ ތަންތަން ފާހަގަ ކުރުމަށާއި، އީރާނު ސިފައިންގެ ހަރަކާތްތަކަށް ފާރަލުމަށެވެ.
އެމެރިކާ ސިފައިންގެ އެމްކިޔޫ – ޕްރެޑެޓަރ މަރުކާގެ ޑްރޯންއަކަށް އީރާނުން ހަމަލާދީ އިއްޔެވެސް ވައްޓާލާފައި ވެއެވެ.
ޑްރޯން ވައްޓާލާފައިވަނީ ހޮރްމުޒްގަން ޕްރޮވިންސްގެ ސިރީކްގެ އައްސޭރިފަށުން އުދުހިފައި ދަނިކޮށެވެ.
އެމްކިޔޫ މަރުކާގެ ޑްރޯންއެއްގެ އަގަކީ 4.5 މިލިއަން އެމެރިކާ ޑޮލަރެވެ.

އިޝްތިހާރު އިޝްތިހާރު