އީރާނުގެ ބަންދަރް ސިރީކް އައިލެންޑްގައި ހުރި މުވާސަލާތީ ޓަވަރަކަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާގެ ރައްދުގައި އީރާނުގެ އިންގިލާބީ ލަޝްކަރުން ބަހްރެއިންގައި ހުރި އެމެރިކާ ސިފައިންގެ ރާޑަރު ސައިޓަށް ހަމަލާދީ ގޮއްވާލައިފިއެވެ.
އީރާނުން ހަމަލާދީ ގޮއްވާލި ރާޑަރު ތަކަކީ އެމެރިކާ ސިފައިން ބަހައްޓާފައިވާ ދުރާލާ އިންޒާރުދޭ ރާޑަރު ސިސްޓަމްތަކެވެ.
އީރާނު ސިފައިން ރާޑަރުތަކަށް ދިނީ ސީދާ ހަމަލާތަކެއް ކަމަށާއި، ހަމަލާތަކުގައި ރާޑަރު ސައިޓް އެކަށް ހަލާކުކޮށްލެވުނު ކަމަށް، އީރާނުގެ އިންގިލާބީ ލަޝްކަރުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އަދި އިންޒާރު ކޮށްފައިވަނީ، ހޮރްމޫޒު ކަނޑުއޮޅީގައި އުދުވާނުތައް ހިންގައި އަދި އެ ކަނޑުއޮޅިން ވަގަށް ތެޔޮ އެތެރެކުރާނަމަ އިމެއްނެތް މިންވަރަށް ރައްދު ހަމަލާތައް ދޭނޭ ކަމަށެވެ.
އީރާނުގެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުންވެސް އަދި ބަހްރެއިން ސަރުކާރުންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.
އެމެރިކާ ސިފައިންގެ ދުރާލާ އިންޒާރުދޭ ރާޑަރު ސިސްޓަމްތައް ބަހައްޓާފައިވާ ސައިޓަށް އިންގިލާބީ ލަޝްކަރުން ހަމަލާދިނީ، އީރާނުގެ ދެކުނުގެ ބަންދަރް ސިރީކް އައިލެންޑްގައި ގާއިމްކޮށްފައިވާ އީރާނު އަސްކަރިއްޔާގެ މުވާސަލާތީ ޓަވަރަށް އެމެރިކާ ސިފައިން ހަމަލާދިންތާ މާ ގިނައިރެއް ނުވަނީހެވެ.
މިއީ، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ކުރީކޮޅުން ފެށިގެން އީރާނު ސިފައިން އެމެރިކާގެ އަސްކަރީ އެސެޓަކަށް ސީދާ އަމާޒުކޮށް ދިން ފުރަތަމަ ހަމަލާއެވެ.
އިންގިލާބީ ލަޝްކަރުން ބުނެފައިވަނީ، އީރާނު ސިފައިން އެކި ފަހަރުމަތިން ދީފައިވާ ހަމަލާތަކުގައި ގަލްފް ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަގުބޮޑު ރާޑަރު ސިސްޓަމްތަކާއެކު ހުރިހާ ދިފާއެއް ހަލާކުކޮށްލެވި ބަލިކަށި ކޮށްލެވިފައިވާ ކަމަށެވެ.
އީރާނުން ހަމަލާދީ ގެއްލުންދީފައިވާ ދުރާލާ އިންޒާރުދޭ ރާޑަރު ސިސްޓަމްތަކުގެ ތެރޭގައި ގަތަރުގެ އަލް އުދައިގް އެއަރ ބޭހުގައި ގާއިމްކޮށްފައިވާ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ރާޑަރާއި، ބަހްރެއިންގައި ގާއިމްކޮށްފައިވާ ރާޑަރު ސިސްޓަމްތައް ހިމެނެއެވެ.
އައިއާރްޖީސީން ބުނެފައިވަނީ، އީރާނުގެ ތަންތަނަށް އިތުރު ހަމަލާތަކެއް ދީފިނަމަ ރައްދު ހަމަލާ ދިނުމުގައި ބޯޑަރަކަށް ނުބަލާނޭ ކަމަށާއި، އަދި ކޮންޓްރޯލެއްވެސް ނޯންނާނޭ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު