އީރާނަށް އަސްކަރީ ހަމަލާދޭން ސަރަހައްދުގެ ގައުމުތައް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދިނުމަށް އީރާނުން އަނެއްކާވެސް ގޮވާލައިފިއެވެ.
އީރާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި މިކަމަށް ގޮވާލީ، ކުވައިތާއި ބަހްރެއިނަށް އީރާނުން ދިން ރައްދު ހަމަލާތައް ގައުމުތަކުން ކުށްވެރި ކުރަމުންގެންދާތީ އެކަމަށް ރައްދު ދެމުންނެވެ.
ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކަށް އަމިއްލަ ދިފާއުގައި ރައްދުދިނުމަކީ އީރާނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
ހަމަ އެއާއެކު، އީރާނާ ދެކޮޅަށް އަސްކަރީ އުދުވާނުތައް ހިންގުމަށް ސަރަހައްދުގެ ގައުމުތަކުން އެމީހުންގެ އެމީހުންގެ ބިމާއި އަދި އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް، ބަޔާނުގައި އިލްތިމާސް ކޮށްފައި ވެއެވެ.
އީރާނު ޚާރިޖިއްޔާގެ ބަޔާނުގައި، އީރާނުގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކަށް އެމެރިކާއިން ދާދިފަހުން ދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވެއެވެ.
އެމެރިކާގެ ޕެޓްރިއޮޓް އެއަރ ޑިފެންސް ސިސްޓަމްތަކާއި، ޑްރޯން އަދި މިސައިލް ލޯންޗް ޕްލެޓްފޯމްތަކަށް އީރާނުގެ ސިފައިން ރައްދު ހަމަލާތައް ދިނީ، އީރާނަށް ހަމަލާދޭން އެ ތަންތަން ބޭނުންކުރާތީ ކަމަށްވެސް، އީރާނު ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.
އީރާނުގެ ދިފާއު އަމާޒުކުރަނީ އީރާނާ ދެކޮޅަށް އުދުވާނުތައް ހިންގުމަށް ބޭނުންކުރާ މަސްދަރުތަކަށާއި އިންފްރާސްޓްރަކްޗާތަކަށް ކަމަށާއި، އެމެރިކާއިން އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުން ނުކުންނަ ނަތީޖާތަކުގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނޭ ކަމަށްވެސް، އީރާނު ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމެރިކާއާއި، އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އީރާނުގެ ރައްދު ހަމަލާތައް އެންމެ ވަރުގަދައަށް އަމާޒުވީ ގަލްފްގެ ގައުމުތަކާއި، މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އަސްކަރީ ޖާސޫސީ ހަރަކާތްތައް ހިންގާ ތަންތަނަށެވެ.
އީރާނަށް ހަމަލާދޭން އެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުން ކުރުމުގެ ހުއްދަ ނުދޭނޭ ކަމަށް، ގަލްފްގެ ބައެއް ގައުމުތަކުން ބުނި ނަމަވެސް، އީރާނަށް ހަމާލާތައް ދީފައިވަނީ އެ ގައުމުތަކުގެ އެއްގަމާއި، ވަޔާއި އަދި ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެންނެވެ.
އީރާނަށް ހަމަލާދޭން ސަރަހައްދުގެ ގައުމުތައް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދޭން އަނެއްކާވެސް ގޮވާލައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.