ޖަކާޓާ ސެންޓަރ ފޮރ ލޯ އެންފޯސްމަންޓް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން އިންޑޮނޭޝިއާގެ ސެމަރަންގްގައި ކުރިއަށްގެންދިޔަ "ސްޓްރެންތެނިންގ ވިމެން ލީޑަރޝިޕް އިން ޕޮލިސް ސަރވިސް ޑެލިވަރީ 1" ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން ދެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.

2026 ނޮވެމްބަރު 16 އިން 20 އަށް ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާޝިތާ އިބްރާހީމް އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ރުޤިއްޔާ ސީމާ އެވެ.

ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން އޮފިސަރުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމުގައި، ފުލުހުންގެ ލީޑަރޝިޕާއި ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާ މުއާމަލާތްކުރުމުގެ ހުނަރުތަކާއި، މުއައްސަސާއަށް އަންނަ ބަދަލުތައް މެނޭޖްކުރުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި އޯގަނައިޒޭޝަނަލް ޕްލޭނިންގ ހުނަރުތައް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ. މީގެއިތުރުން، ޕްރޮފެޝަނަލް ގުޅުންތައް ބަދަހިކުރުމާއި، ޒިންމާދާރުކަމާއެކު ނިންމުންތައް ނިންމުމުގެ އިތުރުން، ހަރުދަނާ ލީޑަރޝިޕެއް ބިނާކުރުމުގައި އަހުލާގާއި ޝަހުސިއްޔަތު އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މި ތަމްރީނުގައި އަލިއަޅުވާލާފައިވެއެވެ. ހަމައެއާއެކު، އޮފިސަރުންގެ މަސައްކަތުގެ ފެންވަރާއި ސާބިތުކަން އިތުރުކޮށް، ފުލުހުންގެ ޚިދުމަތް ދިނުމުގެ ނިޒާމު ހަރުދަނާކޮށް އާންމު ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އިންޑޮނޭޝިއަން ނޭޝަނަލް ޕޮލިސް އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ގުޅިގެން އުފައްދާފައިވާ ޖޭސީއެލްއީސީ އަކީ ސަރަހައްދީ ފެންވަރުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކޮށް، ހާއްސަކޮށް ތަންފީޒީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި ލީޑަރޝިޕް ހުނަރުތައް ކުރިއެރުވުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާ މަރުކަޒެކެވެ.