މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވޭތުވެދިޔަ އެއް ހަފުތާގެ ތެރޭގައި ޕެރިޝަބަލް ކާގޯ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ 86،017 ޕެކޭޖު ކްލިއަރ ކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ނޮވެމްބަރު 15 އިން 21 ގެ ނިޔަލަށް އެންމެ ގިނަ އަދަދަކަށް ކްލިއަރ ކޮށްފައިވަނީ ކުކުޅު ބިހެވެ. އެގޮތުން ބިހުގެ 21،996 ޕެކޭޖު ކްލިއަރ ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ފިޔާ ކްލިއަރ ކޮށްފައިވާއިރު، އޭގެ 15،665 ޕެކޭޖު ވަނީ ނެރެފައެވެ. މީގެ އިތުރުން ކަރާގެ 11،966 ޕެކޭޖާއި، އަލުވީގެ 8،186 ޕެކޭޖުގެ އިތުރުން ޓޮމާޓޯގެ 6،748 ޕެކޭޖު މި މުއްދަތުގައި ވަނީ ކްލިއަރ ކޮށްފައެވެ.

މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި އެމްޕީއެލްއިން ވަނީ ޖުމްލަ 3،146 ކޮންޓެއިނަރު ހޭންޑްލް ކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބޭލި 1،786 ކޮންޓެއިނަރާއި އަދި ބޯޓުތަކަށް ބަރުކުރި 1،360 ކޮންޓެއިނަރެވެ.

އިޝްތިހާރު އިޝްތިހާރު

އަދި މި ހަފުތާގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ ދެ ބޯޓަކާއި އާންމު މުދާ އުފުލާ ހަތް ބޯޓެއް ވަނީ އައިސްފައެވެ. އަދި އޮޕަރޭޝަންތައް ނިންމުމަށްފަހު ކޮންޓެއިނަރު އުފުލާ ދެ ބޯޓަކާއި އާންމު މުދާ އުފުލާ ނުވަ ބޯޓެއް ވަނީ ފުރާފައެވެ.

މުދާ ކްލިއަރ ކުރުމުގެ ތަފްސީލަށް ބަލާއިރު، ކޮންޓެއިނަރު ބޯޓުތަކުން ޖުމްލަ 40،472.73 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަރ ކޮށްފައެވެ. އަދި ޖެނެރަލް ކާގޯ ބޯޓުތަކުން 3،666.37 ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފައިވެއެވެ. މީގެ އިތުރުން، ކޮންސައިންމަންޓްތަކަށް ބަލާއިރު ކޮންޓެއިނަރު ބޯޓުތަކުން 1،319 ކޮންސައިންމަންޓް އަދި ޖެނެރަލް ކާގޯ އުޅަނދުތަކުން 588 ކޮންސައިންމަންޓް ވަނީ ކާމިޔާބުކަމާއެކު ކްލިއަރ ކޮށްދީފައެވެ.

ރާއްޖެއަށް މުދާ އެތެރެކުރުމުގައްޔާއި، ކާގޯ އޮޕަރޭޝަންތައް ހިންގުމުގައި އެމްޕީއެލުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ޚާއްޞަކޮށް، އަވަހަށް ހަލާކުވާ ބާވަތްތައް އަވަހަށް ކްލިއަރ ކޮށް މާކެޓަށް ނެރުމަކީ ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި ތަކެތި ތާޒާކަންމަތީ ލިބުމަށް އެމްޕީއެލުން އިސްކަންދޭ ސަބެބެކެވެ.