މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓުވެ ހާލުދެރަވި ދެވަނަ މީހާ ވެސް ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 3 މީހަކު ފަރުވާއަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ވޯޑަށް ބަދަލުކުރި 2 މީހުންނަށް އެކަންޏެވެ.

އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިނުމަށްފަހު އެ 2 މީހުން ވެސް މިހާރު ވޯޑަށް ބަދަލުކުރި ނަމަވެސް، އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އެކްސިޑެންޓު ހިނގާފައިވަނީ 3 މީހުން އަރުވައިގެން ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ އުޅަންދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 2 މީހަކު ވެސް ހިމެނެއެވެ.

މި އެކްސިޑެންޓާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ވަނީ ލ. މާމެންދުއަށް ނިސްބަތްވާ 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ.