ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އެއް ސައިކަލްގައި ތިބި ދެ މީނުންގެ ހާލު ސީރިއަސްވެ އަދިވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ރޭ މެންދަމު ތިނެއް ޖަހަނިކޮށް ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވައިފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިޔަސްވެގެން އިތުރު ފަރުވާއަށް ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗުން ބުނީ އޭގެތެރެއިން އެއް ސައިކަލްގައި ތިބި ދެ މީހުންގެ ހާލު ވަރަށް ސީރިއަސްކަމުން ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދިޔަ ސައިކަލު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ވަންވޭއާ އިދިކޮޅަށް ދުއްވައިފައި ދަނިކޮށް، އެ މަގުން ގަވައިދާ އެއްގޮތަށް ދުއްވައިފައިދިޔަ އަނެއް ސައިކަލުގައި ޖެހިގެންނެވެ. އަދި ތިން މީހުން އަރުވައިގެން ދިޔަ ސައިކަލު ދުއްވި މީހަކީ އެ ކެޓަގަރީގެ ލައިސަންސް ނެތް މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.










ކިޔުންތެރިންގެ ހިޔާލު