މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ސްޓްރޯކް ޖެހިގެން 500 މީހަކު އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވިދާޅުވީ، ދުނިޔޭގެ ނިސްބަތަށް ބަލާއިރު މިހާރު ސްޓްރޯކް ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި ނިސްބަތް 50 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އުމުރުދުވަހުގެ ތެރޭގައި ސްޓްރޯކެއް ޖެހުމުގެ ފުރުޞަތު 25 އިންސައްތައަށް އަރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. އާފީ ވިދާޅުވީ، ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ގިނައިން ސްޓްރޯކް ޖެހެނީ އުމުރުން ހަގު މީހުންނަށެވެ. އެގޮތުން ލޭމައްޗަށް ދިއުމާއި، ހަކުރުބަލި އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ގައިންގަޔަށް ނާރާ ބަލިތައް އާންމުވަމުންދާތީ، ޒުވާނުންނަށް މި ބަލި ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އައިޖީއެމްއެޗްގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެ ހޮސްޕިޓަލުގައި ފަރުވާ ހޯދާ ކޮންމެ ފަސް މީހަކުން އެކަކީ އުމުރުން 45 އަހަރުން ދަށުގެ މީހެކެވެ. މީގެ ތެރޭގައި އުމުރުން އެންމެ 16 އަހަރުގެ ކުދިންވެސް ހިމެނެއެވެ.
ސްޓްރޯކަކީ ސިކުނޑީގެ ލޭހޮޅިއެއް ބެދިގެން ނުވަތަ ފަޅައިގެން ގޮސްގެން ދިމާވާ ނުރައްކާތެރި ޙާލަތެކެވެ. މީގެ ސަބަބުން ވާގިނެތުމާއި، މޫނުގެ އެއްފަރާތް ދަމައިގަތުމުގެ އިތުރުން ވާހަކަދައްކަން ދަތިވުން ފަދަ ޢަލާމާތްތައް ފެނެއެވެ. ޑޮކްޓަރު ވިދާޅުވީ މިފަދަ ޢަލާމާތެއް ފެނުމާއެކު ލަސްނުކޮށް އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަކީ ބަލިން ފަސޭހަވުމަށް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.
މީގެއިތުރުން، ސްޓްރޯކް ޖެހޭ ބަލިމީހުންގެ ރިކަވަރީ މަރުޙަލާގައި ޢާއިލާގެ އެހީތެރިކަމާއި އަޅާލުން ނުހަނު ބޮޑަށް ބޭނުންވާނެކަން ޑރ. އާފީ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ގޭގައި ބަލިމީހާ ބެލެހެއްޓުމާއި، ކާންދިނުމާއި، އަދި ފިޒިއޮތެރަޕީ ދިނުމުގައި ޢާއިލާގެ ފުރިހަމަ އެއްބާރުލުން އޮތުމަކީ ބަލިމީހާ އަވަހަށް ފަސޭހަވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.