އީރާނުގެ އައިއާރުޖީސީ ނޭވީން ބުނީ ހޮރުމުޒް ކަނޑުއޮޅީގެ ދެކުނުން ދަތުރުކުރި ދެ ޓޭންކަރެއް ހުއްޓުވާފައިވާ ކަމަށާއި، އަދި ކަނޑުއޮޅީގައި އަޅާފައިވާ ކަނޑު މައިނެއްގައި ޖެހި ސުޕަޓޭންކަރެއްގައި އަލިފާން ރޯވި ކަމަށެވެ.
ވަކި އަސްކަރީ ބާރެއްގެ ގޮތުގައި އޮންނަ އީރާނުގެ ރަސްމީ ނޭވީން ބުނީ، އެ ކަނޑުއޮޅީގެ އިރުމަތީ ސަރަހައްދުގައި އަޅާފައިވާ މައިންތަކެއްގައި ޖެހި ތެޔޮ އުފުލާ ދެ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ދެ ނޭވީން ވެސް ތުހުމަތުކޮށްފައިވާ ގޮތުގައި އެ ޓޭންކަރުތައް ދަތުރުކުރީ "ހުއްދަ ނެތް މަގުތަކުން"ނެވެ. މީގެއިތުރުން، ކަނޑުއޮޅީގެ އިރުމަތިން ޑްރޯނެއް ގޮއްވާލާފައިވާ ކަމަށް ވެސް އީރާނުގެ ނޭވީން ބުންޏެވެ.
ޢުމާނުގެ ނޭވީން ބުނާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިއާ އިންވެގެން އޮންނަ އެ ގައުމުގެ މުސަންދަމް ގަވަރުނަރޭޓްގެ އައްސޭރިފަށާ 196 ކިލޯމީޓަރު (122 މޭލު) ބޭރުން "ހަމަލާ އަމާޒުވި" އުޅަނދެއްގައި ތިބި ފަޅުވެރިންގެ ތެރެއިން 25 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.
ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ވިދާޅުވަނީ ހޮރުމުޒް ކަނޑުއޮޅީގައި ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ މައިގަނޑު ދަތުރުފަތުރުގެ މަގުތައް އީރާނުގެ މައިންތަކުން ސާފުކުރެވިފައިވާ ކަމަށާއި، އުޅަނދުފަހަރު އެ ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރަމުންދާ ކަމަށެވެ.
އެމެރިކާ އާއި އީރާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާކުރުމުގެ މަސައްކަތުގައި ގަތަރުގެ މެދުވެރިން އަލުން ތެހެރާނަށް އެނބުރި އައިސްފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.