ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސަރުކާރުގެ ކަރަންޓް ކުންފުނި -- ސްޓެލްކޯ އިން ރަސްމީކޮށް ޙަވާލުވެެއް ޚިދުމަތް ދޭން ފަށައިފި އެވެ.
ސްޓްލެކޯ އިން ބުނީ މިގޮތުން، އެ އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވުމާއެކު ދަނީ ކުރަމުން ކަމަށެވެ. ކުންފުނީގެ އަމާޒަކީ ރ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށްވެސް ބުނެފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ދެމުންދިޔަ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ހަރަދު ކުޑަކޮށް، ލާމަރުކަޒީ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.
މި ބަދަލާއެކު، ރާއްޖޭގެ 5 ސިޓީގެ ތެރެއިން 3 ސިޓީއެއްގެ ކަރަންޓުގެ ހިދުމަތް މިހާރު ދެމުން ގެންދަނީ ސްޓެލްކޯއިންނެވެ. މީގެ ތެރޭގައި ވެރިރަށް މާލެ ސިޓީގެ އިތުރުން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.
ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަމުން ދަނީ، ފެނަކައިން ކުރިން އަސާސީ ހިދުމަތްތައް ދެމުން އައި ރަށްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުވެވި ހުރި ރަށްތަކުގެ އޮޕަރޭޝަންތަކާ ވެސް ވީއެންމެ އަވަހަކަށް ހަވާލުވެ، މަސައްކަތްތައް އެއްކޮށް ނިންމާލުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.