ޑާކާގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ޚާއްޞަ ސަމިޓެއް ބޭއްވުމާ ގުޅޭގޮތުން، ބަންގްލަދޭޝްގައި ތިއްބަވާ ދިވެހި ސަފީރު ޝިއުނީން ރަޝީދު އެ ޤައުމުގެ ރައީސް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރާ އިއްޔެ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ސަފީރު ޝިއުނީން ރަޝީދު ބަންގްލަދޭޝްގެ ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފޮނުއްވި ތަހުނިޔާއާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ރައީސަށް އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން އޮތީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު "ބަންގާބަބާން" ގައެވެ. ޑާކާގައި ވިޔަފާރީގެ ސަމިޓެއް ބޭއްވުމަށް ރާއްޖެއިން ރާވަމުންދާކަން ސަފީރު ހާމަކުރެއްވުމުން، ބަންގްލަދޭޝްގެ ރައީސް ވަނީ އެކަމަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ.
މިފަދަ ސަމިޓެއް ބޭއްވުމަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭނެ މުހިންމު ފުރުޞަތެއް ކަމަށް ބަންގްލަދޭޝްގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދެ ޤައުމަށް ވެސް ފައިދާވާނެހެން ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިންނާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދިވެހި ހައިކޮމިޝަނުން އާންމުކޮށްފައިވާ ގޮތުގައި ސަފީރު ވަނީ މާލެއާއި ޑާކާއާ ދެމެދު ސީދާ ދަތުރުތައް ފުޅާކުރުން ހިމެނޭހެން، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައިސްފައިވާ އެދެވޭ ކުރިއެރުންތަކުގެ މަޢުލޫމާތު ރައީސާ ޙިއްޞާކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދުގައި 100,000 އަށްވުރެ ގިނަ ބަންގްލަދޭޝްގެ މަސައްކަތްތެރިން އަދާކުރާ މުހިންމު ދައުރު ބަންގްލަދޭޝްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްއިން މެޑިސިން ކިޔެވުމަށް ދެމުންގެންދާ ފުރުޞަތުތައް ދެމެހެއްޓުމަށާއި، ސާކް ޖަމްޢިއްޔާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެ ޤައުމުގެ ރައީސް ފާޅުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝް ރައީސްގެ މިލިޓަރީ ސެކްރެޓަރީއާއި، ޕްރެސް ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލަކު ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.