ސްރީލަންކާ ކައިރިން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި އެންކަރުކޮށްގެން ތިބި އީރާނުގެ 19 ބޯޓަށް ޟަރޫރީ ސާމާނު ފޯރުކޮށްދިނުމުގެ ޕްލޭނެއް މިވަގުތު ނެތްކަމަށް ސްރީލަންކާ ސަރުކާރުން ބުނެފިއެވެ.
ސްރީލަންކާ ސަރުކާރުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ތުޝާރާ ރޮޑްރިގޯ ވިދާޅުވީ، އެކަމުގައި ސްރީލަންކާއިން އިސްކުރާނީ ގައުމުގެ މަސްލަހަތު ކަމަށެވެ.
އަދި ސަޕްލައި ކުރާ ކުންފުނިތަކުން އީރާނުގެ ބޯޓުތަކަށް ސާމާނު ފޯރުކޮށްދީނަމަ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނޭކަން އެ ކުންފުނިތަކަށް އެނގޭ ކަމަށްވެސް، ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާއިން ސްރީލަންކާއަށް އެފަދައިން އިންޒާރު ކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ 19 ބޯޓު އެންކަރުކޮށްގެން ތިބީ ސްރީލަންކާގެ އައްސޭރިފަށާ 24 ނޯޓިކަލް މޭލު ދުރުގައެވެ. އެއީ، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެވެ.
އެ ބޯޓުތަކުން ކާބޯތަކެއްޗާއި، ބޯފެނާއި ތެޔޮ މަދުވެ، އެކަން ރިޕޯޓްކޮށްފައިވާ ކަމަށް ސްރީލަންކާ ޚާރިޖިއްޔާގެ ތަރުޖަމާނު ތުޝާރާ ރޮޑްރިގޯ ވިދާޅުވިއެވެ.
ސްރީލަންކާގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެގައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހީރަތު ވިދާޅުވީ، ސްރީލަންކާ ކައިރިން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި އަޅައިގެންތިބި 19 އުޅަނދަކީވެސް އީރާނުގެ ތެޔޮ ޓޭންކަރުތައް ކަމަށެވެ.
އެ ޓޭންކަރުތައް ދަތުރު ނުކުރެވި މަޑުކުރަން ޖެހުނީ، އީރާނުގެ ބަނދަރުތައް އެމެރިކާއިން އަލުން ބްލޮކްކޮށް އީރާނުގެ އުޅަނދުފަހަރަށް ހުރަސްއަޅަން ފެށުމުން ކަމަށް ވިދާޅުވިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްރީލަންކާ ކައިރީގައި ތާށިވެފައިވާ ތެޔޮ ޓޭންކަރުތަކަކީ އީރާނުން ތެޔޮ ހިފައިގެން ޗައިނާއަށް ދަތުރުކުރި ޓޭންކަރުތަކެވެ. އެއީ، ހަނގުރާމައިގެ އުޅަނދުފަހަރަށް ނުވާތީ، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ކޮށްދެވޭނީ ކޮން ކަމެއްތޯ ސްރީލަންކާއިން ބަލަމުންދާ ކަމަށް ވެއެވެ.
ސްރީލަންކާ ކައިރިން ދަތުރުކުރި އީރާނުގެ ކަނޑުގެ ސިފައިންގެ މަނަވަރަކަށް އެމެރިކާ ސިފައިން ކަނޑުއަޑިން ހަމަލާދީ މީގެ 7 މަސްކުރިން ގޮއްވާލާފައި ވެއެވެ. އެ ހަމަލާގައި އީރާނު ކަނޑުގެ ސިފައިން 87 މީހުން މަރުވެ ސަތޭކަ އެތައްބަޔަކު ޒަޚަމްވިއެވެ.










ކިޔުންތެރިންގެ ހިޔާލު