އިނދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އިން ފޯރުކޮށްދެމުން އައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރު ބައްޔާ ގުޅޭ ހާއްސަ ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަން އެ ހޮސްޕިޓަލުން ރޭ ނެރުނު އިއުލާނެއްގައި އާންމުކޮށް އަންގައިފިއެވެ.

މި ބަދަލަކީ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތީ ދަރަޖައަކަށް މަތިކުރުމަށާއި، ބަލިމީހުންނަށް ލިބޭ ހިދުމަތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފަސޭހަކޮށްދިނުމުގެ މަގުސަދުގައި ގެނެވުނު ބަދަލެކެވެ. މީގެ ކުރިން މި ހިދުމަތްތައް ފޯރުކޮށްދެމުން އައީ އައިޖީއެމްއެޗުގެ މައި އިމާރާތުގެ ތެރޭގައެވެ.

އައިޖީއެމްއެޗުގެ އިއުލާނުގައިވާ ގޮތުން ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިން ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ މަރުކަޒުގެ ހިދުމަތްތައް ދެން ފޯރުކޮށްދެމުންދާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައެވެ. އަދި ނޭޝަނަލް ކެންސަރު ސެންޓަރު މެދުވެރިކޮށް ދެމުން އައި ކެންސަރު ބަލީގެ ހާއްސަ ފަރުވާގެ ހިދުމަތްތައް ވަނީ އެ ހޮސްޕިޓަލުގެ 19 ވަނަ ފަންގިފިލަޔަށް ބަދަލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރުމާ ގުޅިގެން، އެޕޮއިންޓްމަންޓް ހެދުމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗުގެ ނަންބަރު 3335335 އަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.