މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު މަރުވި މައްސަލައިގައި، ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ މެލޭޝިއާގައި ހިނގި މި އެކްސިޑެންޓުގައި މަރުވެފައި ވަނީ އުމުރުން 21 އަހަރުގެ އާމިނަތު އިމީލީ ނާޒިމެވެ. މި ހާދިސާގައި، ކާރުގައި އިން އުމުރުން 22 އަހަރުގެ ދިވެހި އެހެން ދަރިވަރަކަށް ވެސް ވަނީ އަނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން ދައުވާ ކޮށްފައި ވަނީ އުމުރުން 37 އަހަރުގެ މުހައްމަދު ޝަފީގު އިބްރާހިމް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ މެލޭޝިއާގެ ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ދައުވާތައް ވަނީ އިއްވައިފައެވެ.

އެ ދައުވާތަކުގައިވާ ގޮތުން ޝަފީގު ކާރު ދުއްވާފައިވަނީ މެތަމްފެޓަމީން ބޭނުންކޮށްގެން މަސްތުވެގެން ހުރެއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ، މަސްތުވާތަކެތީގެ ނުފޫޒުގައި ހުރެ ކާރު ދުއްވައި މީހެއްގެ މަރަށް މެދުވެރިކުރުމުގެ ދައުވާއާއި، ހަމަ އެ ހާލަތުގައި ހުރެ ކާރު ދުއްވައި މީހަކަށް އަނިޔާވުން މެދުވެރިކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ފަރުވާކުޑަކޮށް ކާރު ދުއްވުމުގެ ސަބަބުން އެހެން އުޅަނދެއްގައި ޖެހި އެކްސިޑެންޓެއް ހިނގުމަށް މެދުވެރިކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
މެލޭޝިއާގެ ރޯޑް ޓްރާންސްޕޯޓް އެކްޓުގެ ދަށުން އުފުލާފައިވާ ފުރަތަމަ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރުގެ ޖަލު ހުކުމަކާއެކު 50،000 އާއި 100،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ދެވަނަ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމަކާއެކު 30،000 އާއި 50،000 ރިންގިޓާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ތިންވަނަ ދައުވާއަށް ކަނޑައަޅާފައިވަނީ 12 މަސްދުވަހުގެ ޖަލު ހުކުމަކާއެކު 5،000 އާއި 10،000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެކެވެ.
މި މައްސަލައިގައި ޑެޕިއުޓީ ޕަބްލިކް ޕްރޮސިކިއުޓަރު އާލިއާ އަނީސާ ހައިރުސް މަސްނާން ވަނީ ކޮންމެ ދައުވާއަކަށް 10،000 ރިންގިޓުގެ ކަފާލާތެއް ހުށަހަޅާފައެވެ. ނަމަވެސް ޑްރައިވަރުގެ ވަކީލު ރޯހަން ސިންގް ވިދާޅުވީ ޝަފީގަށް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްގެން މަހަކު ލިބެނީ އެންމެ 2،000 ރިންގިޓު ކަމަށެވެ. އެހެންކަމުން ކަފާލާތުގެ އަދަދު ކުޑަކޮށްދިނުމަށް އޭނާ އެދިފައިވެއެވެ. މެޖިސްޓްރޭޓް ނިންމެވީ 9،000 ރިންގިޓުގެ ކަފާލާތެއްގެ ދަށުން އޭނާ ދޫކޮށްލުމަށެވެ.
ކޯޓުން އިތުރަށް ވަނީ، މައްސަލަ ނިމެންދެން އޭނާގެ ލައިސަންސް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހު ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެއެވެ. މި ހާދިސާގައި މަރުވި އިމީލީގެ ޖަނާޒާ ވަނީ މިދިޔަ އަންގާރަ ދުވަހު މެލޭޝިއާގައި ބާއްވައިފައެވެ.










ކިޔުންތެރިންގެ ހިޔާލު