ސިއްހީ ނިޒާމުގެ މުސްތަގުބަލު ބިނާވަނީ ހަމައެކަނި ބިނާކުރާ ހޮސްޕިޓަލްތަކަކާއި ހޯދާ ޓެކްނޮލޮޖީއެއްގެ މައްޗަކަށް ނޫން ކަމަށާއި، އެ ނިޒާމު ބިނާވަނީ އަސާސީ ގޮތުން ތައުލީމުދޭ މީހުންނާއި އުފައްދާ އިލްމުގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ގީލާ މިހެން ވިދާޅުވީ އޭޑީކޭ ޖެނެރަލް ބުޓީކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން (އައިސީއެމްއީ) 2026 ގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ސިއްހީ ދާއިރާގެ ދަތުރު ވަރަށް ދިގު ރާސްތާއެއް ކަނޑަތުކޮށްފައިވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސް ކުރިއަށްދިޔައީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައެވެ. ރާއްޖޭގައި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ބިނާކުރުމުގެ ބިންގާ އެންމެ ފުރަތަމަ އެޅިގެން ދިޔައީ 1973 ވަނަ އަހަރު ކޮމިއުނިޓީ ހެލްތު ވޯކަރުންނަށް ރަސްމީކޮށް ތަމްރީނު ދޭން ފެށުމާއެކުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ފާއިތުވި 10 އަހަރުގެ ތެރޭގައި ނަރުހުންގެ ދާއިރާގެ އިތުރުން ރާއްޖޭގައި މެޑިކަލް އެޑިއުކޭޝަން ނުވަތަ ޑޮކްޓަރުކަމުގެ ތައުލީމު ދިނުމުގެ ދާއިރާ ވެސް ވަނީ ތަރައްގީވެފައެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އުފެދި ކުރިއަރަމުން ދިއުމަކީ ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ޚިދުމަތްދޭ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއެކު ގުޅުންތައް ގާއިމުކުރުމަށް ގައުމީ ޔުނިވާސިޓީން އިސް ދައުރެއް އަދާކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މެޑިކަލް އެޑިއުކޭޝަނަކީ ހަމައެކަނި ގިނަ ޑޮކްޓަރުންތަކެއް އުފެއްދުން ނޫން ކަމަށާއި، އެއީ ރައްޔިތުންނާއި މުޖުތަމައުތަކުގެ ބޭނުންތައް ދަންނަ ގާބިލު، އަޚުލާގު ރަނގަޅު އަދި އޯގާތެރި ސިއްހީ މާހިރުން ބިނާކުރުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މުސްތަގުބަލަށް ރާއްޖޭގެ ސިއްހީ ނިޒާމު ތައްޔާރުވަމުން އަންނައިރު، ސިއްހީ ޚިދުމަތްތެރިން ތަމްރީނު ކުރަނީ އިއްޔެގެ ނިޒާމަށްތޯ ނުވަތަ މާދަމާގެ ސިއްހީ ނިޒާމަށްތޯ ސުވާލު އުފައްދަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަރުގަދަ ސިއްހީ ނިޒާމެއް ބިނާވަނީ ހަމައެކަނި ބަލިތަކަށް ފަރުވާދިނުމުގެ މައްޗަށް ނޫން ކަމަށާއި، ބަލިތަކުން ރައްކާތެރިވުން ވާންވާނީ ސިއްހީ ޚިދުމަތުގެ ހިތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.