ނަފްސާނީ ބަލިމަޑުކަމުގެ ހިތްދަތިކަމުގައި ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އަޑު ކަނުލައި އަހައިގެން ނޫނީ ހަގީގީ އެހީތެރިކަމެއް އެފަރާތްތަކަށް ފޯރުކޮށް ނުދެވޭނެ ކަމަށް ސިއްހަތާއި އާއިލާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ނަފުސާނީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ވާހަކަތައް އަޑުއަހައި އެފަރާތްތަކަށް އިޖާބަ ދޭންވީ ވަގުތު ޖެހިއްޖެ ކަމަށާއި، އަދި ނަފުސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ތަސައްވަރުތަކާއި، ލޭބަލު ކުރުންތައް ފޮހެލަން ޖެހޭ ކަމަށެވެ.
ވަޒީރު ގީލާ މިހެން ވިދާޅުވީ، މިއަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރ ރަން ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ކޮމިއުނިޓީ ކަލަރ ރަން ގައި ވާހަކަ ދައްކަވަމުން ގީލާ ވިދާޅުވީ ކޮންމެ ފަރުދެއްގެ ކިބައިގައި ވެސް ނަފުސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހިއްސާކުރަންހުރީ ތަފާތު އަގުހުރި ތަޖުރިބާ ތަކެއްކަމަށެވެ.
“މިއަދު އަޅުގަނޑުމެން ކޮންމެހެން ވެސް އަޑުއަހަން މި ޖެހެނީ މި އަޑުތައް. އެކަނިވެރިކަމާއި، ހިތްދަތިކަމުގައި މިފަދަ ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ އަޑު ކަނުލައި އަހައިގެން މެނުވީ އެފަރާތްތަކަށް ބޭނުންވާ ހަގީގީ އެހީތެރިކަން އަޅުގަނޑުމެންނަކަށް ފޯރުކޮށެއް ނުދެވޭނެ” ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އެކަކު އަނެކަކަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން އިސްކުރާ ރައްކާތެރި މާހައުލެއްް ބިނާ ކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަަމަށް ވަޒީރުގެ ވާހަކައިގައި ފާހަގަ ކޮށްފައިވެއެވެ.
މިއަހަރުގެ ނަފުސާނީ ދުވަހުގެ ޝިއާރު ކަމުގައިވާ “ތަޖުރިބާގެ އަޑު ކަނުލައި އަޑުއަހުން، ހަގީގީ އަޑު، ހަގީގީ ބަދަލު” މިއީ ކޮންމެ ފަރުދަކު ވެސް ނުހަނު ފުންކޮށް ވިސްނާލަންޖެހޭ ޝިއާރެއް ކަމަށާއި، ހަމައެއާއެކު މި ޝިއާރުން ހަނދާންކޮށްދެނީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަށް ވެގެން ނުވާނެ ކަމަށް ވަޒީރު ގީލާ ވިދާޅުވިއެވެ.
އެގޮތުން މިއީ މިކަމާ ކުރިމަތިލަަމުންދާ އަހުންނާ އުހުތުންގެ ދިރިއުޅުމުގެ ހަގީގީ ތަޖުރިބާ ތަކުގެ ވާހަތައް ކަމަށާއި،އެ ފަރާތްތަކުން ކޮންމެ ދުވަހަކު ތަހައްމަލު ކުރާ ތަކުލީފުތަކާއި ގޮންޖެހުން ތަކުން އަރައިގަތުމަށް އެ ފަރާތްތަކުން ދައްކުވައިދޭ މަތިވެރި ހިތްވަރާ ސާބިތުކަމުގެ ވާހަކަތައް ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު