ހުޅުމާލެ ހޮސްޕިޓަލުގައި ގޭސްޓްރޯއެންޓެރޮލަޖީ، ނިއުރޮލަޖީ އަދި ޔޫރޮލަޖީގެ ހިދުމަތްތައް ފަށައިފިއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތްތައް ފެށުމުގެ ގޮތުން ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވަނީ އެ ހޮސްޕިޓަލުގެ ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވާފައެވެ.
މި ހިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް އޮންނަ ބާރު ކުޑަކުރުން ކަމަށް ވަޒީރު ގީލާ އަލީ ވިދާޅުވިއެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ހޮސްޕިޓަލްތަކުގެ ވެއިޓްލިސްޓް ކުޑަކޮށް، ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން މަދުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މިފަދަ ސްޕެޝަލިސްޓް ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި ގޮތުގައި މީގެ ކުރިން މި ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުން ދާންޖެހެނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށެވެ.
މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުން ނިއުރޮލޮޖީގެ ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީގެ ހިދުމަތް ލިބޭނެއެވެ. އަދި ޔޫރޮލަޖީ ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ގޭސްޓްރޯއެންޓެރޮލަޖީގެ ހިދުމަތުގެ ތެރެއިން މިވަގުތު ކޮންސަލްޓޭޝަން ފަށާފައިވާއިރު، އިތުރު އިންޓަވެންޝަނެއް ހަދަންޖެހިއްޖެނަމަ މައި ހޮސްޕިޓަލަށް ރިފާކުރެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި އެ ހޮސްޕިޓަލުގައި އެންޑޯސްކޯޕީއާއި ކޮލޮނޯސްކޯޕީގެ ހިދުމަތް ދިނުމަށް ވަނީ ރޭވިފައެވެ.










ކިޔުންތެރިންގެ ހިޔާލު