ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ކޮންމެ މަހަކު ބޭރު ފައިސާއިން ލިބޭ އާމްދަނީން މާރުކުރަންޖެހޭ ބައި އަންނަ ބުދަ ދުވަހުގެ ކުރިން މާރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް އެ މަހެއް ނިމި ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ގާނޫނާ އެއްގޮތަށް މި އިލްތިޒާމް އަދާކުރަމުން ގެންދިޔުމަށް، އެ ގާނޫނަށް އަމަލުކުރަންޖެހޭ ހުރިހާ ފަރާތްތަކަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު ސުންގަޑި ހަމަވާއިރު މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް އެ އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހާމަކުރަމުން ގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ. މީގެކުރިން ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރިއިރު ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރަމުން އައީ އާމްދަނީގެ 10 އިންސައްތައެވެ.
ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެފަރާތްތަކުން މާރުކުރަންޖެހޭނީ ކުރިންވެސް ގާނޫނުގައި އޮތް ގޮތަށް، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.