ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނަށް، މަޖިލިސް ޖަލްސާގައި މިހާރު ބޭނުންވާހަކައެއް ނުދެއްކޭނެ ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މަޖިލިސް ޖަލްސާގައި އެމްޑީޕީގެ މެންބަރުން ޕީއެންސީގެ މެންބަރުންނަށް "ބޮޓުން"ގެ ގޮތުގައި ސިފަކުރާއިރު، ބޭނުންވާ ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އެމްޑީޕީގެ މެންބަރުންނަށް މިހާރު ނޯންނާނެ ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި، ޕީއެންސީގެ މެންބަރުންނަކީ ބޮޓުން ކަމަށް ބުނާއިރު، ބޮޓުންނަކީ ކޮން ބައެއްކަން ނޫސްތަކުގެ ޚަބަރުތަކުން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އެމްޑީޕީގެ މެންބަރުންނަށް މަޖިލީހުގައި ބައެއް ވާހަކަތައް ދެއްކުން މިހާރު މަނާވާނެ ކަމަށާއި، އެފަދަ ވާހަކައެއް ދައްކައިފިނަމަ ޕާޓީން ކަނޑާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޖިލީހުގައި އެއްވެސް ވާހަކައެއް ދެއްކުން ޕީއެންސީގެ މެންބަރުންނަށް މަނާވެފައި ނޯންނާނެ ކަމަށާއި، ވަކި ގޮތަކަށް ވާހަކަދައްކަން ސަރުކާރުން ނުވަތަ ޕާޓީންވެސް އެ މެންބަރުންނަށް އޯޑަރު ނުފޮނުވާނެ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕީއެންސީގެ މެންބަރުން އެދުވަހަކު ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ 13 މެންބަރުންގެ ތެރެއިން 12 މެންބަރުންނަށް ބޭނުންވާހަކައެއް ނުދެއްކޭނެ ކަމަށާއި، ހަމައެކަނި ތޮއްޑޫ ދާއިރާގެ މެންބަރަށް ބޭނުން ވާހަކައެއް ދެއްކުމުގެ އިޚުތިޔާރު އޮންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރުގެ ނަން ފާހަގަކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.
ފަލާހު މި ވާހަކަތައް ދައްކަވާފައިވަނީ، ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް މެސެޖުތަކެއް ފޮނުއްވައި، އުސޫލެއްގެ ގޮތުން ރަސްމާލޭގެ މަޝްރޫއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އީގަލް ހިލްސްގެ ޗެއާމަން އަލް-އައްބާރަށް ފުރައްސާރަ ނުކުރުމަށް އެދިވަޑައިގެންފައިވެއެވެ.
އެއާއެކު، ރައީސް ނަޝީދުގެ ވާހަކަތަކާ ދެކޮޅަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލްގެ ފެކްޝަންގެ ބޭފުޅުން ވަނީ ނުރުހުން ފާޅުކޮށް މެސެޖުތައް ކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.