ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހަޅާ އީ-ޕެޓިޝަން މަޖިލީހަށް ގެނެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ނިންމަވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އެއް މައުޟޫއަކަށް ދެ ޕެޓިޝަން ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި އޮތް މާއްދާ އުވާލުމަށް ހުށަހެޅި އިސްލާހާމެދު އާންމު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި އިސްލާހު ގެނައުމުގެ ބޭނުމަކީ ވީހާވެސް ފުޅާދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އީ-ޕެޓިޝަންގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުން ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި އީ-ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ގާއިމުކުރީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މިއާއެކު ރައްޔިތުންގެ ޚިޔާލު ހާމަވާ ގިނަ ޕެޓިޝަންތަކެއް ހުށަހަޅަމުންދާ ކަމަށާއި މެންބަރުންގެ އިންޝުއަރެންސް ބޮޑު ކަމަށް ބުނެ ސޮއިކުރަމުންދާ ޕެޓިޝަނުގެ މިންގަނޑު ހަމަވުމުން މަޖިލީހަށް ގެނެސް ބަހުސްކޮށް ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި “އާންމު ރައްޔިތުންނަށް ނުލިބޭ އެކަމަކު މަޖިލިސް މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަން” ގެ ނަމުގައި މަޖިލީހުގެ އިދާރާއަށް ޕެޓިޝަނެއް ހުށަހެޅުއްވީ ސ. މަރަދޫފޭދޫ، މިދުއަމް ސައުދު އެވެ. މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 4000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން އަދި 18 އަހަރުން ދަށުގެ ދަރިންނަށް ރާއްޖެއާއި ސާކް ގައުމުތަކުގެ އިތުރުން އޭޝިއާގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ އިންޝުއަރެންސް ސްކީމެއް އޮންނަންޖެހެ އެވެ. އަދި ކުރީގެ މެންބަރުންނަށްވެސް ހިނގަމުންދާ މެންބަރުންނެކޭ އެއްފަދައިން އަހަރަކު 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު މި އިނާޔަތް ލިބޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އާންމުންގެ ކަންބޮޑުވުންތަކާއެކު ހުށަހެޅި މި ޕެޓިޝަނުގައި އެދިފައިވަނީ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން އަދި އެބޭފުޅުންގެ އާއިލާތަކަށް ޚާއްސަ އިންޝުއަރެންސް ލިބޭ އުސޫލުތައް އުވާލުމަށެވެ. އަދި އާންމު ރައްޔިތުންނެކޭ އެއްފަދައިން މެންބަރުންނަށްވެސް ގައުމީ ސިއްހީ އިންޝުއަރެންސް، އާސަންދައިގެ ދަށުން ފަރުވާ ލިބޭގޮތަށް ގާނޫނު އިސްލާހުކުރުމަށްވެސް އެ ޕެޓިޝަނުގައި ގޮވާލާފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު