އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުން، ކޮންމެ އެތުލީޓެއްގެ ވެސް ސައްތައިންސައްތަ ދިނުމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެދިވަޑައިގެންފިއެވެ.
ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާނެ އެތުލީޓުން އިއުލާނުކޮށް، އެ އެތުލީޓުންނާ ދިދަ ހަވާލުކުރުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުދައްކަވަމުން ރާފިޢު ވިދާޅުވީ، ދިވެހި ދިދައިގެ ކުލަތަކުން އެ ރަމްޒުކޮށްދޭ ކަންކަމަކީ ކޮންމެ އެތުލީޓެއްގެ ވެސް ހިތުގައި ބިންވަޅުނެގިފައިވާންޖެހޭނެ ކަންތައްތަކެއް ކަމަށާއި، ކުޅިވަރުގައި ދިވެހިން ބޭނުންކުރާ ރަތް ކުލައިން، ކުޅިވަރުގެ ދާއިރާއިން ވެސް ދިވެހި ގައުމަށްޓަކައި އެތައް ބަޔަކު، ލެޔާއި ދަލުން ވީ ގުރުބާނީ ރަމްޒުކޮށްދޭއިރު، އެއީ މިހާރުގެ އެތުލީޓުން އެކަންކަމާއިމެދު ފުންކޮށް ވިސްނާ، އިބުރަތް ހާސިލްކުރަންޖެހޭ ކަންކަން ކަމަށެވެ.
މި ހުރިހާ ކަމެއް ހިތާއި ސިކުނޑީގައި ބަހައްޓައިގެން ދިވެހި ކޮންޓިންޖެންޓު ފުރައިގެން ދާއިރު، ވީހާވެސް ބޮޑު ގުރުބާނީއެއް ކުޅިވަރުގެ ރޮނގުން މި ގައުމަށްޓަކައި ވުން އެއީ އެތުލީޓުންގެ އަމާޒަކަށް ވާންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވެސް އަދި ޔޫތު އޮލިމްޕިކްސްގައިވެސް، ހިތްހަމަޖެހޭ ވަރަށް ޕާފޯމްކޮށް، ކޮންމެ އެތުލީޓެއްގެވެސް 100 އިންސައްތަ ދީގެން، އެންމެ ފަހު އިވެންޓު ނިމުމާ ހަމައަށް މަސައްކަތްކޮށްދިނުމަށް ވަޒީރު އެދިވަޑައިގަތެވެ.

ތިކުދިންގެ 100 ޕަސެންޓު ކޮންމެ އިވެންޓެއްގައި، މިއަދުން ފެށިގެން، ގޭމްސްގެ މަގްސަދު ވީހާވެސް ފުރިހަމައަށް އަދާކުރުމުގެ ނިޔަތުގައި ކުރިއަށް ގެންދަވަން ޖެހޭނެ. އޭރުން އަޅުގަނޑުމެންނަށް މި ގޭމްސްއަށް މިދާ މަގްސަދު ހާސިލްވާނީ. މުޅި މީހާގެ ވިސްނުމާއި ފިކުރާއި ޚިޔާލާ އަދި ގޭމްސްއަށް ދިއުމުގެ ބޭނުން، އަޅުގަނޑުމެންނަށް މެކްސިމަމްކޮށް ހިފޭނީ، މުޅި މީހާ، އެމީހާގެ އެ ގޭމްސްއަށް ކުރަންޖެހޭ ކަންތައްތަކަށް އެއްކޮށް ގެއްލިގެން.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ގޭމްސްގައި ދިވެހިން އެދޭފަދަ ކަންތައްތަކެއް ހާސިލްކުރުމަށް ގުޅުންހުރި މުއައްސަސާތަކާއި އެސޯސިއޭޝަންތަކުން ކުރަމުންދާ މަސައްކަތްތަކާއެކު އެތުލީޓުން ޕާފޯމްކޮށްފިނަމަ، އިސް އުފުލައިގެން، ގައުމަށްޓަކައި ފަހުރުވެރިވާ ހާލުގައިކަމަށް ރާފިޢު ވިދާޅުވިއެވެ.
އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުން އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ ދެ ފެތުންތެރިންނާ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެތުލީޓުންނަށް ހިތްވަރުދެއްވައި ވަޒީރު ރާފިއު ވާހަކަދެއްކެވިއިރު، އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލާނީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައިދިން ތަރި މަރިޔަމް އީޝަލް މިސްބާހު އެވެ.
ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާނީ ދެ ފެތުންތެރިންކަމުގައިވާ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އަދި ލޫތު މުހައްމަދު ހުސެއިނެވެ.
އޭޝިއަން ގޭމްސް އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގައެވެ. ޔޫތު އޮލިމްޕިކްސް އޮންނާނީ 31 އޮކްޓޯބަރުން 13 ނޮވެމްބަރުގެ ނިޔަލަށް ސެނެގާލްގައެވެ.










ކިޔުންތެރިންގެ ހިޔާލު