ހުޅުމާލެ މިނީ ހޯލުގައި ބެޑްމިންޓަން ހޯލެއް ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އަޅާ މަލްޓިޕާޕަސް އިންޑޯ ކޯޓުތަކުގެ މަސައްކަތް ނިމުމުން، އިންޑޯ ކުޅިވަރުތަކަށް ދިމާވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި އެއާއެކު ވަކިން ބެޑްމިންޓަން ހޯލެއް އެޅުމުގެ މަސައްކަތްވެސް ކުރަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު އޮތް ބެޑްމިންޓަން ކޯޓަކީ އެޗްޑީސީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ކޯޓެވެ. އެކޯޓުގެ ޖާގައިގެ ދަތިތަކަން އިންތިހާއަށް ބޮޑުވެފައިވާކަން ކުޅިވަރާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، މިހާރުވެސް ހުޅުމާލެ ބެޑްމިންޓަން ކޯޓަށް ދިމާވާ މެއިންޓަނެންސް މައްސަލަތައް އެޗްޑީސީއާ ގުޅިގެން ހައްލުކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
މަލްޓިޕާޕަސް އިންޑޯ ކޯޓުތަކުގެ މަސައްކަތް ނިމުނީމަ، އިންޑޯ ކުޅިވަރުތަކަށް ދިމާވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑަށް ހައްލެއް ލިބިގެންދާނެ. އަދި އެއާއެކު ވަކިން ބެޑްމިންޓަން ހޯލެއް އެޅުމަކީވެސް ވަރަށް މުހިންމު ކަމެއް. އެކަމަށްވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަ ގެންދަން. އެއީ ހަމަ މިނީ ކޮމްޕްލެކްސްގެ ޖާގައެއްގައި ބެޑްމިންޓަން ހޯލެއް އެޅުމުގެ މަސައްކަތް.

ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، އެކަމަށް ގިނަ ކުޅިވަރު ކުޅޭނެ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.